ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ޕްރިޕެއިޑް ނަންބަރެއް އެހެން މީހަކަށް ވިއްކާފައިވާތީ ބަދަލުގެގޮތުގައި އެ ނަންބަރުގެ ކުރީގެ ވެރިމީހާއަށް ދިރާގުން 50،000 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް އިއްޔެ ހުކުމް ކުރީ ލ. ގަން، ތުނޑި، ފެއަރީގާޑަން އަލީ ޝިހާމަށް ބަދަލުގެގޮތުގައި 50،000 ރުފިޔާ ދިރާގުން ދިނުމަށެވެ.

ޝިހާމް ދައުވާ ކުރީ އޭނާއަށް އެންގުމަކާނުލައި އޭނާގެ މޮބައިލް ނަންބަރުގެ ޚިދުމަތް ގަވާއިދާ ޚިލާފަށް މެދުކަނޑާލައި އެހެންމީހެއްގެ ނަމަށް ބަދަލުކޮށްފައިވާކަމަށް ބުނެ، އެ ނަންބަރު ހޯދުމަށާއި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

ދައުވާ އަށް ޖަވާބުދާރީވަމުން ދިރާގުން ބުނެފައި ވަނީ ޝިހާމްގެ ނަންމަތީގައިވާ ނަންބަރު އެހެން މީހެއްގެ ނަމަށް ބަދަލުކޮށްފައި ވަނީ ޕްރިޕެއިޑް ޚިދުމަތްދިނުމުގެ އާންމު އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

އެ ހުކުމްގައި ވަނީ ދިރާގުގެ ޓާމްސް އެންޑް ކޮންޑިޝަންގެ ދަށުން ދާއިމީކޮށް ޚިދުމަތް މެދުކަނޑާލުމުގައި ކަނޑައެޅިފައިވާ މުއްދަތަކީ 180 ދުވަސް ކަމަށެވެ.

އެ ނަންބަރުގެ ޚިދުމަތް ދާއިމީކޮށް މެދުކަނޑާލީ އެޓާމްސް އެންޑް ކޮންޑިޝަންގެ ދަށުން މިދިޔަ އަހަރުގެ އޮގަސްޓް 16 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހުގެ ނިޔަލަށް 180 ދުވަސް ހަމަވެފައިވާތީ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ނަމަވެސް އެކަމަށް އިންކާރުކޮށް ދައުވާކުރާ ޝިހާމް ބުނެފައި ވަނީ އެ ނަންބަރުގެ ޚިދުމަތް ދާއިމީކޮށް ކަނޑާލުމުގައި 180 ދުވަސް ހަމަކޮށްފައިނުވާ ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ވަނީ ދެފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއް ނުވަތަ އަމަލުކުރުން މަޖުބޫރު ޓާމްސް އެންޑް ކޮންޑިޝަންސް ފަދަ އުސޫލެއްގައި ކަނޑައެޅިގެން މުއްދަތު ގުނާނޭގޮތުގެ ތަފްސީލު ބަޔާންކޮށްފައިނުވާނަމަ، މުއްދަތު ގުނުމުގައި ޝަރީއަތުން އަމަލުކުރަންޖެހޭނީ މާނަކުރުމުގެ ހަމަތަކުގެ ގާނޫނަށް ކަމަށެވެ.

އެގޮތުން އެ ގާނޫނުގެ 35 ވަނަ މާއްދާގައި މުއްދަތު ގުނާނެގޮތް ބަޔާންކޮށްފައިވާއިރު، ދެކަމެއް ދޭތެރޭގައި ހިނގާ މުއްދަތަށް އިޝާރާތްކޮށްފައިވާނަމަ، މުއްދަތު ގުނޭނީ، އެދެކަމެއް ހިނގާ ދެދުވަސް ނުހިމަނައިކަމަށް ސިވިލް ކޯޓުގެ ހުކުމްގައިވެއެވެ.

އެހެންކަމުން ދާއިމީކޮށް ޚިދުމަތް މެދުކަނޑާލުމުގެ ކުރިން ދޭންޖެހޭ މުއްދަތު މިއަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހަށް ހަމަވެއްޖެ ކަމަށް ބަލައި އެ ދުވަހު ޚިދުމަތް ކަނޑާލާފައި ވަނީ ޓާމްސް އެންޑް ކޮންޑިޝަނާ ޚިލާފަށްކަން އެނގެން އޮންނަ ކަމަށް އެ ހުކުމްގައިވެއެވެ.

އެ ނަންބަރު އަނބުރާ އޭނާ އަށް ދިނުމަށް ދިރާގުގެ މައްޗަށް އަމުރުކޮށްދިނުމަށް ޝިހާމް އެދުނުނަމަވެސް އެފަދައިން އަމުރު ކުރެވެން ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ސަބަބަކީ އެ ނަންބަރު އަނބުރާ ޝިހާމަށްދޭން ޝަރީއަތުން އަންގައިފިނަމަ އެކަމުގެ ސަބަބުން ތިން ވަނަ ފަރާތެއްގެ ހައްގަކަށް ސީދާގޮތެއްގައި އަސަރުކޮށްފާނެކަން އެނގެން އޮންނާތީ ކަމަށް އެ ހުކުމްގައިވެއެވެ.

އޭގެބަދަލުގައި ޝަރީއަތުން އަންގާފައި ވަނީ އެ ނަންބަރުގެ ބަދަލުގައި އެ ނަންބަރު ހިމެނޭ ކެޓަގަރީގައި މިހާރު ހުސްކޮށް ހުރި ނަންބަރުތަކުގެ ތެރެއިން ޝިހާމް އެދޭ ނަންބަރެއް އިތުރު އަގަކާ ނުލައި ހަތް ދުވަސް ތެރޭގައި އޭނާއަށް ދިނުމަށެވެ.

ގެއްލުމުގެ ބަދަލުގެގޮތުގައި ޝިހާމް އެދުނީ 150،000 ރުފިޔާ ނަގައިދިނުމަށެވެ. ނަމަވެސް ހުކުމްގައި ވަނީ ސީދާ އެ އަދަދަށް ޝިހާމަށް ގެއްލުންވެފައިވާކަން އެނގޭނެ ހެއްކެއް ނުވަތަ އެފަދައިން ހިސާބުކުރި މިންގަނޑެއް އޭނާ ބުނެދީފައިނވާ ކަމަށެވެ.

އެ ހުކުމްގައި ވަނީ މުވާސަލާތީ ޚިދުމަތް ލިބިގަތުމުގައި ބޭނުންކުރާ އެބާވަތުގެ ވަސީލަތެއް ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ގެއްލިގެން ދިޔުމުން ކުރިމަތިވާ ތަކުލީފުތަކަށާއި މުޖުތަމައުގައި އެމީހަކަށް އޭގެސަބަބުން ދިމާވެދާނެ ނިކަމެތި ކަމާއި ގެއްލުންތަކާއި ފައިދާތަކަށް ބުރޫއަރާނޭކަން ފާޅުކަންބޮޑުގޮތެއްގައި އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ކޯޓުން ކަނޑައެޅީ އެ މައްސަލައިގައި ހޯދުމަށް އެދިފައިވާ ފައިސާގެ ތިން ބައިކުޅަ އެއްބަޔަށްވާ 50،000 ރުފިޔާ ނަގައިދިނުމަށެވެ.

އެ ފައިސާ ނަގައިދީފައި ވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް އެ ނަންބަރު ޝިހާމަށް ގެއްލިގެންދިޔުމުން އޭނާ އަށް ކުރިމަތިވެފައިވާ ތަކުލީފުތަކާއި ނިކަމެތި ކަމާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަމަށް އެ ހުކުމްގައިވެއެވެ.

"ބުނެވުނު ފައިސާ ދައުވާ ކުރާ ފަރާތަށް ލިބިދިނުމުގެގޮތުން 26 އޮކްޓޫބަރު 2017 އިން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މި ފައިސާ ސިވިލް ކޯޓަށް ދައްކައި، މި ދަރަނި ޚަލާސްކުރުމަށާއި، އަދި ދައުވާ ކުރާ ފަރާތަށް ގެއްލިގެންދިޔަ ނަންބަރު ހިމެނޭ ކެޓަގަރީގައި މިހާރު ހުސްކޮށް ހުރި ނަންބަރުތަކުގެ ތެރެއިން ދައުވާކުރާ ފަރާތުން އެދޭ ނަންބަރެއް އެފަރާތަށް އިތުރު އަގަކާނުލައި 26 އޮކްޓޫބަރު 2017 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ފޯރުކޮށްދިނުމަށް ދައުވާ ލިބުނު ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު) އަށް އަންގައި ހުކުމްކޮށްފީމެވެ،" ސިވިލް ކޯޓުގެ ހުކުމްގައިވެއެވެ.