24 Oct 2017, 13:56
ރ. މަޑުއްވަރީގައި އަޅާ 50 ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި މިއަދު މަޑުއްވަރީއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި އަހަރު ނިމެންވާއިރަށް މަޑުއްވަރީގައި 50 ހައުސިންގް ޔުނިޓްގެ މަސައްކަތް ފަށާނެ ކަމަށެވެ.
"މަޑުއްވަރީއަށް އޮތް އުފާވެރި ހަބަރަކީ. މަޑުއްވަރީއަކީ ބިން ފުރިފައި އޮތް ރަށަކަށް ވާތީ އަޅުގަނޑުމެން 50 ހައުސިންގް ޔުނިޓްގެ މަސައްކަތް މި އަހަރު ތެރޭގައި ވެސް ފެއްޓޭތޯ މިބަލަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވި 50 ހައުސިންގް ޔުނިޓަކީ މި އަހަރުގެ ބަޖެއްޓް ފާސްވެގެން އައިއިރު ބަޖެއްޓުގައި ހިމަނާފައިވާ ހައުސިންގް ޔުނިޓްތަކެއް ކަމަށެވެ. އެ ޕްރޮޖެކްޓަށް 25 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅައިފަ އެވެ.
މިއަދު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މަޑުއްވަރީ ދާއިރާގެ މަޖިލިސް ގޮނޑި މިހާރު ހުސްވެފައިވާތީ އެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމުގައި ވިސްނާލުމަށް އެދިވަޑައިގެންފަ އެވެ.
އަދި ތަރައްގީ ގެނެސްދިނުމުގައި ސަރުކާރާ ގުޅިގެން މިނިސްޓަރުންނާ ގުޅިގެން މަސައްކަތް ކުރެވޭނެ ފަދަ މެމްބަރެއް ހޮވައި ދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގަތެވެ.
"މި ދާއިރާގެ ގޮނޑިއަށް ތިބޭފުޅުން އިހުތިޔާރު ކޮށްދެއްވާށޭ. ސަރުކާރާ އެކީ ތަރައްގީގެ ވިސްނުމުން މަސްލަހަތާ އެކީ ތަރައްގީ ހޯދަން މަސައްކަތް ކޮށްދެއްވާނެ، އެ އަޒުމުގައި މަސައްކަތް ކޮށްދޭނެ މެމްބަރެއް މަސައްކަތް ކޮށްދެއްވާށޭ މަޖިލީހަށް." ރައީސް ޔާމީން ވިދާޅުވި އެވެ.
މަޖިލީހުން ހުސްވެފައިވާ ދާއިރާތައް ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ދާއިރާތަކުގެ ތެރޭގައި މަޑުއްވަރީ ދާއިރާ ވެސް ހިމެނެ އެވެ.