24 Oct 2017, 14:55
ޑިސެމްބަރު މަހު ބަނގްލަދެޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސާކް ކަލްޗަރަލް ފެސްޓިވަލް އޮން ޓްރެޑިޝަނަލް ޑާންސް 2017" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ފެސްޓިވަލްގައި ބައިވެރިވެވޭނީ ހަ ފަންނާނުން ހިމެނޭ ގްރޫޕުތަކަށް ކަމަށެވެ.
މި ފެސްޓިވަލަށް ދާ ފަންނާނުންނަށް ތިބުމާއި ކެއުން އަދި ލޯކަލް ޓްރާންސްޕޯޓުގެ ހިދުމަތް ހަމަޖައްސައިދޭނީ ސާކް ކަލްޗަރަލް ސެންޓްރުންކަމަށް އެންސީއޭ އިން ބުނެއެވެ. ނަމަވެސް ފެސްޓިވަލްގައި ބައިވެރިވުމަށް ބަންގްލަދޭޝަށް ދިއުމާ އެނބުރި އައުމުގެ ހަރަދު ކުރަންޖެހޭނީ އަމިއްލައަށް ކަމަށް އެ ސެންޓަރުން ބުނެއެވެ.
މި ފެސްޓިވަލްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ ކުރިން އެ ފަންނާނެއްގެ ނަން، މަޤާމް، މޮބައިލް ނަންބަރ، އީމެއިލް އެޑްރެސް، ބައޮގްރަފީ އޮފް ޕާޓިސިޕަންޓްސް/ޓުރޫޕް، ބްރީފް ޑިސްކްރިޕްޝަން އޮފް ސްޕެޝަލައިޒޭޝަން އަދި ފޮޓޯ އޮފް ޕާޓިސިޕަންޓްސް/ޓުރޫޕް ހުށަހެޅުމަށް އެންސީއޭ އިން ވަނީ މިހާރު ފުރުސަތު ހުޅުވާލައިފައެވެ.
ދިވެހި ފަންނާނުންގެ ހުނަރު ބޭރުގެ ގައުމުތަކުގައި ދައްކައިލުމުގެ ފުރުސަތު އެންސީއޭ އިން އަންނަނީ ފަހިކޮށްދެމުންނެވެ.