24 Oct 2017, 15:05
ފާއިތުވި ހަތަރުވަަރަކަށް އަހަރުދުވަހުގެ ތެރޭގައި ސްކޫލުތަކުގެ ވަސީލަތްތައް ގާއިމްކޮށް އާބާތުރަ ފިލުވުމަށް 504.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން ހާމަކުރާގޮތުގައި 2014 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ މިހާތަނަށް އައި އިރު 78 ސްކޫލެއްގައި 392 ކްލާސްރޫމް ގާއިމްކޮށް، ނުވަ ހޯލާއި، ހަ ލައިބްރަރީ، ހަތަރު ކޮމްޕިއުޓަރު ލެބް، ނުވަ ސައިންސް ލެބް އަދި 11 ސްޓާފް ރޫމް ވަނީ ގާއިމް ކުރެވިފައެވެ.
މީގެ އިތުރުން މުޅިން އަލަށް ހަތަރު ސްކޫލެއް އިމާރާތް ކުރެވިފައިވާކަމަށް އެމިނިސްޓްރީން ބުނެއެވެ. އަލަށް އިމާރާތް ކުރެވުނު ހަތަރު ސްކޫލަކީ ހުޅުމާލެ ރެހެންދި ސްކޫލާ ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތް، ހަނިމާދޫ ސްކޫލް އަދި ށ. ފޭދޫ ސްކޫލެވެ.
ފާއިތުވި ހަތަރު އަހަރު ސްކޫލުތަކުގައި ވަސީލަތްތައް ގާއިމް ކުރުމަށް ހަރަދު ކުރި 504.3 މިލިއަން ރުފިޔާއަކީ އޭގެ ކުރީ ފަސް އަހަރު މިކަންކަމަށް ހަރަދުކޮށްފައިވާ 232.2 މިލިއަން ރުފިޔާއަށްވުރެ 272.1 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށްވެސް އެޑިއުކޭޝަނުން ބުނެއެވެ.
އެޑިއުކޭޝަނުން ބުނީ މިހާރުވެސް ގިނަ ސްކޫލުތަކެއްގައި ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އޭގެ ތެރޭގައި 38 ސްކޫލެއްގައި 280 ކްލާސްރޫމް ގާއިމް ކުރުމުގެ މަސައްކަތާއި، ނުވަ ހޯލު، ހަ ލައިބްރަރީ، ދެ ކޮމްޕިއުޓާ ލެބް، ހަތް ސައިންސް ލެބް، ފަސް ސްޓާފްރޫމް އަދި އަލަށް އިމާރާތްކުރާ ތިން ސްކޫލެއްގެ މަސައްކަތް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަލަށް އިމާރާތްކުރާ ތިން ސްކޫލަކީ ށ. މިލަންދޫ ސްކޫލާއި ގދ. އަތޮޅު މަދުރަސާ އަދި ށ. ޅައިމަގު ސްކޫލެވެ. މި މަސައްކަތަށް 315 މިލިއަން ރުފިޔާ ޚަރަދު ކުރާއިރު މި ހުރިހާ ޕްރޮޖެކްޓަކީވެސް ޕީއެސްއައިޕީ ބަޖެޓުން ކުރިއަށް ގެންދާ މަސައްކަތްތަކެވެ.