ރ. އަތޮޅު ފައިނުގައި ހަދާފައިވާ ބަނދަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ރަސްމީކޮށް ހުޅުވާދެއްވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން ރ. އަތޮޅަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފައިނު ބަނދަރު ހުޅުވާދެއްވީ މެންދަރު ފަހުން އެ ރަށަށް ވަޑައިގެންނެވެ. ރައީސް ޔާމީން ރައީސް މިއަދު ހުޅުވާދެއްވި ބަނދަރަކީ ދިގު މިނުގައި 400 ފޫޓް އަދި ފުޅާ މިނުގައި 200 ފޫޓް ހުންނަ ބޮޑު ބަނދަރެކެވެ. ފައިނު ބަނދަރަކީ އެމްޓީސީސީ އާ ހަވާލުކޮށްގެން ތަރައްގީކޮށްފައިވާ ބަނދަރެކެވެ.

ފައިނުގައި ތަރައްގީ ކުރި ބަނދަރާ އެކު ވަނީ ބަނދަރު އޮންނަ މަގުގައި ގާއަތުރައި އެ މަގު އަލިކުރުމަށް ބައްތިވެސް ޖަހައިފަ އެވެ. ހަތަރު ސަތޭކައަށް ވުރެ ގިނަ މީހުން ދިރިއުޅޭ އެ ރަށަށް ލަފާ ފުރުމުގެ ދަތިކަން ކުރިމަތިވެފައި އޮންނަތާ އެތައްއަހަރެން ފަހުން ތަރައްގީ ކުރި އެ ބަނދަރަކީ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރި ބަނދަރެކެވެ.

ފައިނުގައި އަލަށް ހެދި ބަނދަރުގެ އިތުރުން އެ ރަށުގައި ވަނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރުއުއެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އަދި މިއަދު ވަނީ އެ މަޝްރުއުގެ ނިމުން ވެސް ފާހަގަކޮށްފަ އެވެ.

ރައީސް ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން މިއަދު ފުރަތަމަ ވަޑައިގަތީ ރ. މަޑުއްވަރިއަށެވެ. އެރަށުގައި ރައީސް ޔާމީން ވަނީ ނަރުދަމާގެ ނިޒާމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރުއު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފަ އެވެ.

ރައީސް ޔާމީންގެ މި ދަތުރުފުޅުގެ ފަހު މަންޒިލަކީ މީދޫއެވެ.