ސޯޅަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އިއްޔެ ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގެ ދަރުސަތު ސްޓޭޑިއަމްގައި ފަށައިފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ޕާކިސްތާން ވަނީ އިންޑިޔާ އަތުން 1-0 އިން މޮޅުވެފަ އެވެ. މެޗްގައި ޕާކިސްތާނުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗްގެ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައެވެ. އެ ލަނޑު ޕާކިސްތާނަށް ކާމިޔާބުކޮށްދިނީ މަންސޫރު ހާނެވެ.

މުބާރާތުގައި ރާއްޖެ ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗްގައި މާދަމާ ނިކުންނާނީ ޕާކިސްތާނާ ދެ ކޮޅަށެވެ. ރާއްޖެ ކުޅޭ ދެ ވަނަ މެޗްގައި ނުކުންނާނީ އިންޑިއާ އާ ދެކޮޅަށް އަންނަ ހުކުރު ދުވަހު އެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެއާއި ޕާކިސްތާން އަދި އިންޑިޔާއާ އެއް ގްރޫޕަކަށް ލައްވާލާފައިވާއިރު، އަނެއް ގްރޫޕުގައި ހިމެނެނީ ބަންގްލަދޭޝް އާއި ސްރީ ލަންކާ އަދި ނޭޕާލެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ހިމެނޭ ގްރޫޕް ނޫން އަނެއް ގްރޫޕްގެ މެޗެކެވެ. އެގޮތުން މިއަދުގެ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ ސްރީލަންކާއާއި ބަންގްލަދޭޝް އެވެ.