24 Oct 2017, 13:28
ހދ. ފިނޭ ސްކޫލުގެ ވަށާފާރު ރާނައި، ސްޓާފްރޫމެއް އެޅުމަށް 'ވީ އަވާ އިންވެސްޓްމެންޓް' ކިޔާ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް އަލީއެވެ. ވީއަވާ އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އާޔަތުﷲ ހުސައިންއެވެ.
މި މަސައްކަތުގެ އަގަކީ 1.335 މިލިއަން ރުފިޔާއެވެ. މިކަމަށް ހަރަދުކުރާނީ ޕީއެސްއައިޕީ ބަޖެޓުންނެވެ. މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 150 ދުވަހެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް ވިދާޅުވީ މި މަސައްކަތް 2018 ވަނަ އަހަރުގެ މާޗްމަހުގެ ނިޔަލަށް ނިންމައި ބޭނުން ކުރެވެން ފަށާނެކަމަށެވެ.
ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާނެކަމުގެ ޔަގީންކަން އަރުވާކަމަށް، ވީ އަވާ އިންވެސްޓްމެންޓްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ.
ސްކޫލުތަކުގެ މަރާމާތުގެ މަސައްކަތަށް މިއަހަރު، 35 މިލިއަނާ 40 މިލިއަނާ ދެމެދުގެ އަދަދެއް ހަރަދު ކުރެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.