24 Oct 2017, 13:08
މި މަހުގެ 19 ވަނަ ދުވަހު ސިނަމާތަކުގައި ދައްކަން ފަށާފައިވާ އަދާވިތު ޗަންދަން ޑައިރެކްޓްކޮށްފައިވާ ފިލްމު "ސީކްރެޓް ސުޕަސްޓާ"އަށް ހަތަރު ދުވަހުގެ ތެރޭގައި 30 ކުރޯޑު ލިބިއްޖެއެވެ.
ފިލްމް ދެއްކި ފުރަތަމަ ދުވަހު 4.8 ކުރޯޑު، ދެވަނަ ދުވަހު 9.30 ކުރޯޑް އަދި ތިންވަނަ ދުވަހު 8.65 ކުރޯޑް ލިބިފައިވާއިރު އިއްޔެ މި ފިލްމަށް 8.5 ކަރޯޑް ރުޕީސް ލިބިފައިވާކަމަށް ފިލްމުގެ ޓީމުން ބުންޏެވެ.
ފިލްމް "ސުޕަސްޓާ"އިން ފެނިގެންދަނީ އިންޑިއާގެ ކުޑަ އަވަށަކަށް ނިސްބަތްވާ، ލަވަކިޔުންތެރި އަކަށް ވާން ބޭނުންވާ މުސްލިމް އަންހެން ކުއްޖެއްގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރާ މިންނެތް މަސައްކަތެވެ.
ލަވަކިޔުންތެރިއަކަށް ވުމަށް ކުރި ބުރަ މަސައްކަތް އެ ފިލްމުން ދައްކުވައިދެ އެވެ. އަންހެން ކުއްޖާގެ މިއުޒިކީ ހުނަރު މުޅި ދުނިޔެއަށް އިއްވާލުމުގެ މަގްސަދުގައި އެ އަންހެން ކުއްޖާ މޫނު ބުރުގާ އަޅައިގެން ލަވަ ރެކޯޑްކޮށް ޔޫޓިއުބަށް ލައިގެން ގިނަ ބައެއްގެ މަގްބޫލުކަން ހޯދައެވެ. ފިލްމުގައި އަންހެން ފަންނާނުގެ ރޯލުން ފެންނާނީ ފިލްމް 'ދަންގަލް'އިން މަޝްހޫރުވެގެން ދިޔަ ޒާއިރާ އެވެ.
ފިލްމު ބެލި ފަރާތްތަކުންވަނީ ޒާއިރާއަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަދައްކައިފައެވެ.