24 Oct 2017, 12:36
އަންނަ އަހަރު ޖޫން މަހު ޓެކްނޮލޮޖީ އެންޑް އެންހޭންސް ލާނިންގް ކުލާސްތައް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި ފައްޓާނެކަން އެ ޔުނިވާސިޓީން ހާމަކޮށްފިއެވެ.
މިއަދު އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި ޓެކްނޮލޮޖީ އެންޑް އެންހޭންސް ލާނިންގް ރަސްމީކޮށް އިފްތިތާހްކޮށްދެއްވާފައިވަނީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު އަލީ ފަވާޒް ޝަރީފް އާއި ސެންޓާ ފޯ އޯޕަން ލާނިންގްގެ ވެރިޔާ ރާމިޒް އަލީ އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާމިޒް ވިދާޅުވީ، އެ މަސައްކަތުގެ އަމަލީ މަސައްކަތް ފާއިތުވި އަހަރު ފެށުނު ނަމަވެސް އެ މަސައްކަތަށް ހުއްޓުން އައިކަމަށެވެ. ނަމަވެސް އަލުން މިއަހަރުގެ މެދު ތެރޭގައި އެ މަސައްކަތް އަލުން ފަށާފައިވާކަމަށެވެ.
" މި ޕްރޮޖެކްޓް އަމާޒު މިކުރަނީ މައިގަނޑު ދެ ކަމަކަށް. އެއީ އީ ލާނިންގް ރީ ޑިޒައިން އަދި ލާނާ އިންޓަރެކްޝަން އުފައްދަން. އޮންލައިންކޮށް ނުވަތަ ވާޗުއަލްކޮށް މި ޕްރޮޖެކްޓްގެ ތެރެއިން ބަލާނީ މިކަހަލަ ވާޗުއަލް މާހައުލެއްގައި ތިން ބާވަތުގެ އިންޓަރެކްޝަން ގެނެވޭނީ ކޮންގޮތަކަށްކަން. އިންޓަރެކްޝަން ބޮޑުކުރެވޭނީ ކޮން އެއްޗިއްސެއް ބޭނުންކޮށްގެންކަން. ދަރިވަރުންނަށް ކޮންކަހަލަ ހަރަކާތްތަކެއް ގެންގޮސްދީގެން ކަން މި ޕްރޮޖެކްޓްގެ ދަށުން ބަލައިލާނެ،" އޭނާ ވިދާޅުވިއެވެ.
ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ވިދާޅުވީ، އަންނަ ނޮވެމްބަރު މަހު ފުރަތަމަ ހަފްތާ ތެރޭގައި ބޭރުގެ ތިން ބޭފުޅުން ގެނެސްގެން އީޕޯޓް ފޯލިއޯ، އިންޓަރެކްޓިވް ޑިޒައިން އަދި މަލްޓިމީޑިޔާ ޑިޒައިން އާ ގުޅޭ ގޮތުން ތަމްރީނު ތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މައިގަނޑު އަމާޒަކީ ދަރިވަރުންނަށް އިތުރު ވަސީލަތްތަކެއް ހޯދަން ނުޖެހި ދަރިވަރުން އަތުގައި ހުރި ވަސީލަތްތަކުން ތައުލީމް ފޯރުކޮށްދިނުންކަމަށެވެ.