24 Oct 2017, 12:54
އަޖުމަ ބެލުމުގެ ގޮތުން އެލް ބޯޑު ޖަހައިގެން އިންތިހާބުތަކުގައި ވާދަކުރާ ބަޔަކަށް ފުރުސަތު ދޭނެތޯ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ސުވާލު އުފައްދަވައިފި އެވެ.
ރ. އަތޮޅަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު މަޑުއްވަރީއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅުން ނުކުން މީހުން އަދި އެއުޅެނީ ރައްޔިތުންނަށް ބޭނުން ވަނީ ކޮންކަމެއްކަން ރަނގަޅަށް ސާފު ނުވެގެން ކަމަށެވެ.
"އަޖުމަ ބެލުމުގެ ގޮތުން ދަސްކުރާ ބަޔަކަށް. އެލްބޯޑު ޖަހައިގެން އުޅޭ ބަޔަކަށް ފުރުސަތު ދޭނެތޯ އަޅުގަނޑުމެން ރައްޔިތުންނަށް ކުރަން ޖެހޭ ސުވާލެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަށްރަށަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ސިޔާސީ މީހުން ރަށްރަށް ޒިޔާރަތްކުރާ އިރު މުޒާހަރާ ކުރިޔަސް މައްސަލަތައް ހަލު ނުވާނެ ކަމަށެވެ.
ރައީސް އެހެން ވިދާޅުވެފައިވާ އިރު މަޑުއްވަރީއަށް އެމަނިކުފާނު މިއަދު ފައިބާ ވަޑައިގެންނެވި އިރު އެ ރަށުގެ ބައެއް މީހުން ވަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާ ކޮށްފަ އެވެ.
"ކަންކަން ކުރަން ނޭނގޭ މީހުން ވައްޓަފާޅި ނެތް މީހުން އަބަދު ވެސް އެކަހަލަ ކަންކަމުގައި [އަޑުއުފުލައި މުޒާހަރާ ކުރުމުގައި] އުޅޭނީ. ކަންކަން ކުރާ މީހުންނަކީ ރައްޔިތުންނަށް ދަތިވެފައި ހުރި ކަންތައް ކޮށްދޭ މީހުން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައްޔިތުންނަށް ކަންކަން ފުރިހަމަކޮށްދީ ތަރައްގީ ގެނެސްދޭން ބޭނުންވާ ބަޔަކު ނަމަ ޓާގެޓްތަކެއް އަމިއްލަޔަށް ސެޓްކޮށްގެން ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތައް ފުއްދައިދޭން މަސައްކަތް ކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރައްޔިތުންނަށް ކަންކަން ފުރިހަމަކޮށްދޭން ނުކުންނަ މީހުން "ޑިމޮކްރެސީއަކީ ކޯއްޗެއްތޯ؟" ސުވާލު ނުއުފައްދާނެ ކަމަށެވެ.
"އެކަހަލަ މީހުންނެއް ނުދައްކާނެ ޑިމޮކްރެސީއަކީ ކޯއްޗެއްތޯ؟ ތަރައްގީއަކީ ކޯއްޗެއްތޯ؟ ރައްޔިތުންގެ އިހުސާސަކީ ކޮބައިތޯ؟ އެކަހަލަ ވާހަކައެއް ނުދައްކާނެ." ރައީސް ޔާމީން ވިދާޅުވި އެވެ.
ތަރައްގީ ގެނެސްދޭން ބޭނުންވާ މީހުން އެކަހަލަ ވާހަކަ ނުދައްކާ ސަބަބެއް ކަމަށް ރައީސް ވިދާޅުވީ ރައްޔިތުންގެ ޝުއޫރުތަކާއި ބޭނުންވާ ކަންކަން އެމީހުންނަށް އެނގޭނެތީ ކަމަށެވެ.
"އެހެން ބޭފުޅުން އެވާހަކަ އެދައްކަވަނީ އެބޭފުޅުން އެފައްޓަވަނީ ހަށަނަރަ ބަޅައިން އެކަން ކަން ދަސްކުރުމަށް. އެހެންވީމަ އަޅުގަނޑު ދަންނަވާނީ ލައްކަ ހިސާބެއް އެބައޮތްތާއޭ ސިޔާސީ ރާސްތާގައި ވަޑައިގެން ރައްޔިތުންނަށް ހަމައަށް އެކަންކަން ފޯރުކޮށްދެއްވުމަށް." ރައީސް ވިދާޅުވި އެވެ.
މިއަދު މަޑުއްވަރީއަށް ވަޑައިގެން ރައީސް ޔާމީން ވަނީ އެރަށުގައި ނިންމާފައިވާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި ނަރުދަމާގެ ނިމުން ފާހަގަކުރައްވައިފަ އެވެ.