24 Oct 2017, 12:12
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރުމަށް ޓަކައި، އެ ގައުމުގެ ެބިލިއަނަރެއް ކަމަށްވާ ޓޮމް ސްޓޭޔާ ބޮޑު ކެމްޕޭނެއް ފަށައިފި އެވެ. ޓީވީ އަދި އޮންލައިން މެދުވެރިކޮށް ޓޮމް ފެށި އެ ކެމްޕޭނުގައި ޓްރަމްޕް މަގާމުން ދުރުކުރުމަށް ޓަކައި އެމެރިކާގެ ރައްޔިތުން ކޮންގްރެސްއަށް ސިޓީ ފޮނުވުމަށް ވަނީ ގޮވައިލައިފަ އެވެ.
ޔޫޓިއުބަށް ލާފައިވާ އެއް މިނެޓުގެ އިޝްތިހާރުގައި ޓޮމް ވަނީ ޓްރަމްޕް މަގާމުން ދުރުކުރަން ޖެހޭ ސަބަބުތައް ކިޔައިދީފަ އެވެ. އެގޮތުން ޓްރަމްޕް ގާނޫނު އަސާސީއާ ހިލާފަށް އިންސާފަށް ހުރަސްއަޅާ ކަމަށާއި އަދި ބޭރުގެ ސަރުކާރުތަކުން ފައިސާ ނަގައިފައިވާ ކަމަށް ވެސް ޓޮމް އެ ވީޑިއޯގައި ވިދާޅުވެފައިވެ އެވެ.
ތެދު ހަބަރުތައް ގެނެސްދޭ މީޑިއާތައް ބަންދުކުރާނެ ކަމުގެ އިންޒާރުތައް ދިނުމުގެ އިތުރުން، އެމެރިކާ ނިއުކުލިއާ ހަނގުރާމައިގެ ނުރައްކަލުގެ ތެރެއަށް ޓްރަމްޕް ވައްޓައިލައިފައިވާ ކަމަށް ވެސް ޓޮމް ވަނީ ވިދާޅުވެފަ އެވެ.
ޓޮމް ވަނީ އެ ވީޑިއޯގައި އެމެރިކާގެ ޕާލަމެންޓު ކޮންގްރެސްއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. ނިއުކުލިއާ ހަތިޔާރުގެ ކޮންޓްރޯލް ޓްރަމްޕްގެ އަތުގައި އޮތްއިރު، ހަމަނުޖެހޭ މީހަކު އެމެރިކާގެ ވެރިކަމުގައި ހުރިކަން ކޮންގްރެސްއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ނަމަވެސް ކޮންގްރެސް އިން އެއްވެސް ވަރަކަށް އެކަމާ އަޅާނުލާ ކަމަށް ވެސް ޓޮމް ވަނީ ވިދާޅުވެފަ އެވެ.
ދިހަ މިލިއަން ޑޮލަރު ހޭދަކޮށްގެން ޓޮމް ފެށި އެ ކެމްޕޭނުގައި ވިދާޅުވި ގޮތުގައި، އެ ކެމްޕޭނުގެ ބޭނުމަކީ ޓްރަމްޕްއަކީ ކިހާ ނުރައްކާތެރި މީހެއްކަން ކޮންގްރެސްއަށް ވިސްނައިދީ އަދި ހައްގުގެ މަގުގައި މަސައްކަތް ކުރުމަކީ އެމީހުންގެ ފަރުދީ ޒިންމާއެއްކަން ހަދާންކޮށްދިނުމެވެ.
ބަރަކް އޮބާމާގެ ރިޔާސީ ކެމްޕޭނަށް ހަރަދުކޮށްފައިވާ ޓޮމް ވަނީ ޓްރަމްޕް މަގާމުން ދުރުކުރުމަށް އެމެރިކާގެ ރައްޔިތުންގެ ސޮއި ހޯދުމަށް ޕެޓިޝަންތައް ހިމެނޭ ގޮތަށް ވެބްސައިޓެއް ވެސް ލޯންޗުކޮށްފަ އެވެ.