24 Oct 2017, 12:15
ސޯނަމް ކަޕޫރާއި ދީޕިކާ ޕަދުކޯން އަކީ އެއް ދުވަހެއްގައި ބޮލީވުޑަށް ތައާރަފުވި ދެ ފަންނާނުންނެވެ. ސޯނަމްގެ 'ސާވަރިޔާ' ފްލޮޕްވި ނަމަވެސް ދީޕިކާގެ 'އޯމް ޝާންތި އޯމް' ވެގެން ދިޔައީ ހިޓް ފިލްމަކަށެވެ. އެހިސާބުން ސޯނަމްގެ މައްޗަށް ދީޕިކާ ކުރި ހޯދި އެވެ. ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެ، ގިނަ އެވޯޑު ތަކެއް ވަނީ ހޯދައިފަ އެވެ.
ނަމަވެސް ދެމީހުންގެ ދޭތެރޭގައި މައްސަލަ ޖެހުނީ ދީޕިކާ ފިލްމީ ދާއިރާގައި މާބޮޑަށް ކުރިއަރައިގެން ދިއުމުން ނޫނެވެ. ދެމީހުންގެ ގުޅުން ހީނަރުވާން މެދުވެރިވި ސަބަބަކީ އެކްޓަރު ރަންބީރު ކަޕޫރު އެވެ. 'ސާވަރިޔާ' އަށް ފަހު ސޯނަމް އާއި ރަންބީރު މައްސަލަ ޖެހުނު އިރު، ރަންބީރު ލޯބީގެ ގޮތުން ގުޅުނީ ދީޕިކާ އާއެވެ.
ނަމަވެސް ރަންބީރު އާއި ދީޕިކާ ރުޅިވިފަހުން، 'ކޮފީ ވިތު ކަރަން'ގެ އެޕިސޯޑެއްގައި ދެމީހުން އެކުގައި ބައިވެރިވެ ވާހަކަ ދެއްކި އެވެ. ދެއްކީ ރަންބީރުގެ ވާހަކަ އެވެ. ދެމީހުންގެ ދެމެދުގައި އޮތް ރުޅިވެރިކަން ނިމުނީ ކަމަށް ގިނަބަޔަކު ގަބޫލުކުރި އެވެ.
އެހެން ނަމަވެސް އޭގެ ފަހުން އަނެއްކާ ވެސް ދެމީހުންގެ ގުޅުން ހީނަރުވެއްޖެ އެވެ. ޖެހުނީ ކޮން މައްސަލައެއް ކަމެއް ނޭނގެ އެވެ. ސޯނަމް ދިޔައީ ދީޕިކާގެ ހެދުން އެޅުމާއި އެކްޓިން އަށް ފާޑުކިޔަމުންނެވެ.
އަދި ދީޕިކާ އޭނާ ޑިޕްރެޝަން އާއި ހަނގުރާމަ ކުރަމުން އަންނަ ކަން ހާމަކޮށް، ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރު ކުރުވަން މަސައްކަތް ކުރާނެ ކަމަށް ބުނުމުން ސޯނަމް ވަނީ އެކަމަށް ވެސް ފާޑުކިޔައިފަ އެވެ.
ދެމީހުން ވާހަކަ ނުދެއްކި ނަމަވެސް، ފާޅުގައި އެއްޗެހި ކިޔައި ބަސްބުނަމުން ދިޔައީ އަބަދުވެސް ސޯނަމް އެވެ. ދީޕިކާ ސޯނަމް އަށް ފާޑުކިޔައި ނުހަދަ އެވެ. އަދި އެންމެ ފަހުން ދިވާލީ އާގުޅިގެން ސޯނަމް ބޭއްވި ޕާޓީގައި ވެސް ދީޕިކާ ވަނީ ބައިވެރިވެފަ އެވެ.
ސޯނަމް އާއި ބައްޕަ އަނިލް ކަޕޫރުގެ ފަރާތުން ބޭއްވި ޕާޓީގައި ދީޕިކާގެ އިތުރުން ގިނަ އަދަދެއްގެ ބޮލީވުޑް ފަންނާނުން ބައިވެރިވި އެވެ. ޕާޓީ ތެރޭގައި އެއްވެސް ކަހަލަ ދެބަސްވުމެއް ހިނގައިފައެއް ނުވެ އެވެ.
އެހެންކަމުން ދެމީހުން ސުލްހަ ވީކަމަށް ބެލެވިދާނެ އެވެ. ނަމަވެސް ދީޕިކާ ޕާޓީއަށް ދިޔައިރު އަޅައިގެން ހުރި ހެދުމަށް ސޯނަމް އެއްޗެއް ނުބުނާނެ އެކޭ ވެސް ނުބުނެވޭނެ އެވެ.