ރ. އަތޮޅު މަޑުއްވަރީގައި ސަރުކާރުން ގާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމާއި އެ ރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިންމުން ފާހަގަކޮށް އެ ދެ ހިދުމަތް ރަސްމީކޮށް ބޭނުން ކުރަންފަށައިފި އެވެ.

އެ ރަށުގައި ސަރުކާރުން ކުރިއަށް ގެންދިޔަ ދެ މަޝްރުއުގެ ނިމުން ފާހަގަކޮށް އެ ދެ ހިދުމަތް ރަސްމީކޮށް ބޭނުންކުރަން ފައްޓަވައި ދެއްވީ ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

މިއަދު ހެނދުނު ރައީސް ޔާމީން މަޑުއްވަރި އަށް ވަޑައިގެން އެ ދެ މަޝްރުއުގެ ނިމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިރު އެ ރަށުން ވަނީ ރައީސް ޔާމީނަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

މިއަދު އިފްތިތާހު ކުރި ނަރުދަމާގެ ނިޒާމަކީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި މާލޭ ވޯޓާއެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރުއުއެކެވެ.

އެގޮތުން ސަރުކާރުގެ ބަޖެޓުން 49 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ އެ ނިޒާމްގެ މަސައްކަތް ނިންމާފައި ވަނީ 2016 ވަނަ އަހރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

މަޑުއްވަރީގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށިފައި ވަނީ 20 ޑިސެމްބަރު 2014 ގަ އެވެ. އަދި މި މަސައްކަތް ނިމިފައި ވަނީ 04 ޖޫން 2016 ގަ އެވެ. މި މަޝްރޫޢުގެ ދަށުން 02 ޕަމްޕް ސްޓޭޝަނާއި 8.7 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ގާއިމުކުރެވިފަ އެވެ. އަދި ނަޖިސް ބޭރުކުރުމަށް ޓަކައި ރަށުގެ އެއްގަމު ތޮށިން ފެށިގެން 226 މީޓަރުގެ ދުރު ރާސްތާއަކަށް ސީ އައުޓްފޯލް ހޮޅިވަނީ އަޅާފަ އެވެ. އަދި އެ ނިޒާމުގެ ތެރެއިން 351 ގެއަށް ވަނީ އެ ހިދުމަތް ލިބޭގޮތް ހަދައިފަ އެވެ. އެ ރަށުގައި ނަރުދަމާ ނިޒާމްގެ ހިދުމަތްދޭނީ ފެނަކަ ކޯޕަރޭޝަނުންނެވެ.

ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން މަޑުއްވަރީގައި ވަނީ 890 މީޓަރު ދިގުމިނަށް ބޮޑު ހިލައިގެ ރިވެޓްމަންޓް ޖަހައިފަ އެވެ. އަދި އެ މަޝްރުއުއަށް ޖުމުލަ 29 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ(އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށާފައި ވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު އެވެ. އަދި މަސައްކަތް ނިންމާފައި ވަނީ 2015 އަހަރުގެ އޮގަސްމަހުގެ 1 ވަނަ ދުވަހު އެވެ.

ރައީސް ޔާމީނުގެ ދަތުރުފުޅުގައި މިއަދު ވަނީ ރ. އަތޮޅު މީދުއަށް އަދި ފައިނަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފަ އެވެ.