ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ކޮށްކޯފުޅު އަބުދުﷲ ޔާމީން ގުޅިގެން ވަގަށް ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވިޔަފާރީގެ މައްސަލަ ތަހްގީގު ކުރުމަށް ސަރުކާރަށް ގޮވާލައި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 67 މެންބަރުންގެ ތެރެއިން 52 މެންބަރުންނެވެ. ގަރާރު ބަލައި ގަންނަން ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވި އިރު އެއްވެސް ކޮޅަކަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތިއްބެވި އެވެ. އެ ގަރާރު މަޖިލީހަށް ބަލައިގަތުމުން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް ގަރާރު ފޮނުއްވި ކަމަށް ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު އިއްލާން ކުރެއްވި އެވެ.

ގަރާރަށް ވޯޓަށް އެއްސަވަން އިއްލާން ކުރެއްވުމުން ނިޒާމީ މައްސަލަ ނަންގަވައި، މާމިގިލީ ދާއިރާގެ ގާސިމް އިބްރާހިމް ވަނީ ވާހަކަ ދައްކަވައިފަ އެވެ. ގާސިމް ވިދާޅުވީ، ތަހްގީގު ކުރުމަށް ގާނޫނު އަސާސީގައި ވަކި ފަރާރްތަކެއް ކަނޑައެޅިފައި ވުމާއި އަދި އެފަދަ ކަންކަމަށް ކޮމިޝަން އުފެއްދުމުގެ ބާރު ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ އިރު އެފަދަ ގަރާރު ފާސްކުރަން ނުޖެހޭ ކަމަށެވެ. އެކަމަކީ ގާނޫނު އަސާސީން އެކަން ކުރުމަށް އުފައްދާފައިވާ ބާރުތައް ލުހެލުންފަދަ ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

މިގަރާރަށް ފަހު ބަސް ވިދާޅުވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަ ދައްކަވަމުން، މުސްތަފާ ވިދާޅުވީ، 800 މިލިޔަން ޑޮލަރުގެ ވަގު ވިޔަފާރި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހްގީގު ކުމުގެ ގާބިލްކަން އެކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ މުހައމަދު ނަޝީދު އުފައްދަވާފައިވާ، ރިޔާސީ ކޮމިޝަނަށް ލިބިގެން ނުވާކަމަށެވެ. އަދި އެމައްސަލަ ތަހްގީގު ކުރެވޭނީ ބައިނަލް އަގްވާމީ ފުލުހުންގެ ޖަމިއްޔާ އިންޓަޕޯލްގެ އެހީތެރިކަން ހޯދައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ އެގަރާރާ ބެހޭ ގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން، 800 މިލިޔަން ޑޮލަރުގެ ތެލުގެ ވިޔަފާރި ކުރައްވާފައިވާ ކަމަށް، އެ މައްސަލަ ރައްދުވާ އެއްފަރާތް ކަމަށްވާ މުލަކު ދާއިރާގެ މެންބަރު އަބުދުﷲ ޔާމީން އެއްބަސްވެ ވަޑައިގަންނަވާފައިވާތީ ގަރާރު ހުށަހެޅުއްވި މައިގަނޑު މަގުސަދު ހާސިލްވެފައިވާ ކަމަށެވެ. އަދި މިލިޔަން ޑޮލަރުގެ ޑޮކިއުމެންޓް އެއްކޮޅަށް ލިޔަސް އެކަން ސާބިދު ނުކުރެވޭނެ ކަމަށް ޔާމީން ވިދާޅުވެފައިވާތީ ދެން އޮތީ އެކަމަކީ ވަގު ވިޔަފާރިއެއްކަން ސާބިތު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަށްސަތޭކަ މިލިޔަން ޑޮލަރުގެ ތެލުގެ ވިޔަފާރި ކުރައްވާފައިވާ ކަމަށް ޔާމީން އިއްތިރާފް ވެވަޑައިގަތުމަކީ މި ގަރާރު ލުމުގެ މައިގަނޑު މަގުސަދު ހާސިލްވި ކަމެއް. ގަރާރު ކާމިޔާބުވެއްޖެ ކަމަށް ގަބޫލު ކުރަން. ދެން އޮތީ އެވިޔަފާރި ވަގު ވިޔަފާރިއަކަށް ވީގޮތް ސާބިތު ކޮށްދިނުން،" މުސްތަފާ ވިދާޅުވި އެވެ.

އެ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވެފައި ވަނީ، 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި ކުރި ކަމަށް ބުނާ ވިޔަފާރިއަކީ ސައްހަ ވިޔަފާރިއެއް ކަމަށެވެ. ނަމަވެސް 800 މިލިއަން ޑޮލަރަށްވާ ވަރަށް ތިލަފަތުގެ އެއްކޮޅަށް ޑޮކިއުމަންޓް އެރުވިޔަސް އެ މައްސަލައިގައި ކުރެވޭ ތުހުމަތުތައް ސާބިތު ނުކުރެއްވޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.