24 Oct 2017, 13:13
ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް އެރަށު ކުޅި ހިއްކުމަށް ނިންމާފައިވާތީ ރާއްޖޭގައި ހިންގާ އަމިއްލަ ފަސް ޖަަމްއިއްޔާ އަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރާއްޖޭގައި ހިންގާ ފަސް ޖަމްއިއްޔާ ކަމަށްވާ އުތެމަ، ބްލޫ ޕީސް، އިކޯ ކެއާ މޯލްޑިވްސް ވޮއިސް އޮފް ވިމެން އަދި ބީލީފް ގުޅިގެން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކުޅުދުއްފުށީ ކުޅިއަކީ ރާއްޖޭގެ އަދި އެ ރަށުގެ ގުދުރަތީ ތަރިކައެއް ކަމަށެވެ. އަދި ކުޅުދުއްފުށި ކުޅި ހިއްކުމާ ގުޅޭ ތިމާވެށީގެ ރިޕޯޓް (އީއައިއޭ)ގައި ހުރި ކަންތައް ރައްޔިތުންނާ ހިއްސާކޮށް މަޝްވަރާ ކުރުމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
ދިވެހިރާއްޖޭގެ ތަރައްގީއަކީ ގައުމުގެ ނާޒުކުތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ތަރައްގީގެ ހަމަތަކާއި އިމުގެތެރޭގައި ހިންގަންޖެހޭނެ ތަރައްގީއެއް ކަމަށް އެ ފަސްޖަމްއިއްޔާ އިން ގަބޫލުކުރާ ކަމަށް ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ކުޅުދުއްފުށީީ ކުޅިއަކީ އެރަށު އަންހެނުންގެ ދިރިއުޅުމާއި އެ މީހުންގެ އާމްދަނީ ހޯދުމުގެ ވަސީލަތާ ގުޅިފައިވާ ތަނެއްކަން ފާހަގަކޮށ،ް އެބަޔާނުގައި ބުނެފައި ވަނީ ކުޅި ހިއްކުން ފަދަ މަޝްރޫއެއް ހިންގަން ނިންމާ އިރު އަންހެން މަސައްކަތްތެރިންގެ ހިޔާލާ މަޝްވަރާ ހޯދާފައިނުވާ ކަމަށެވެ.
ދުނިޔޭގެ ފެންވަރުގައި ކުޅީގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ޖަމުއިއްޔާއެއްކަމުގައިވާ އައިޔޫސީ އެން އިން ނެތި ހިނގައިދާނެ ކަމުގެ ބިރު ފާހަގަކުރާ ރަތްލިސްޓުގައި ހިމެނޭ އަށް ބާވަތެއްގެ ގަހުގެ ބާވަތް ކުޅުދުއްފުށީ ކުޅީގައި ހުންނަ ކަން މި ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
ކުޅުދުއްފުށީ ކުޅިއަކީ ގަދަ މޫސުމުގައި މަސް އުފެއްދުމުގެ ފުރުސަތު އޮތް ތަނެއްކަމަށް ބަޔާނުގައިވެ އެވެ. އަދި އެއީ އެރަށުގެ ތިމާވެއްޓާ ގުޅިފައިވާ ގުނަވަނެއްކަން ފާހަގަކޮށް ޖަމްއިއްޔާތަކުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް އެކި ފޯރަމްތަކުގައި ރާއްޖެއިން ވައުދު ވެފައިވާއިރު "ތިމާވެށި ރައްކާތެރިކުރުމުގެ އިސްސަފުގައި ވަކާލާތުކޮށް ބަސްވިކޭ ގައުމަކަށް ރާއްޖެއަށް ވެވޭނީ ރާއްޖޭގެތިމާވެށި އަމަލީ ގޮތުން ހިމާޔަތްކުރާކަމުގެ މިސާލުދައްކައިގެން" ކަމަށެވެ.