24 Oct 2017, 12:20
ނަވާރަސަތޭކަ ހަތްދިހަ ތިންވަނަ އަހަރުގެ ކާމިޔާބު ފިލްމު 'އަބިމާން'ގެ ރީމޭކް އަށް އަބީޝެކް ބައްޗަން އާއި އައިޝްވާރްޔާ ރާއި ބައްޗަން ތައްޔާރުވަމުން އަންނަ ކަމަށް ޚަބަރުތައް ބުނެފި އެވެ.
އަބީޝެކް އާއި އައިޝްވާރްޔާ އެކުގައި ފިލްމެއްގެ މަސައްކަތް ކުރަން ބޭނުން ކަމަށް ޚަބަރުތައް ބުނާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެހެން ނަމަވެސް އަދި އެއްވެސް ފިލްމެއް ފައިނަލް ވެފައެއް ނުވެ އެވެ.
ފަހުގެ ޚަބަރުތައް ބުނާގޮތުން ދެމީހުން އެކުގައި ފެނިގެން ދާނީ 'އަބިމާން'ގެ ރީމޭކް އިންނެވެ. އެހެންކަމަށްވާ ނަމަ، އެއީ ދެމަފިރިންނަށް ވަރަށް ޚާއްސަ ފިލްމަކަށް ވެގެންދާނެ އެވެ.
ސަބަބަކީ 'އަބިމާން' އަކީ އަމީތާބް ބައްޗަން އާއި ޖަޔާ ބައްޗަން އެކުގައި ކުޅެފައިވާ ފިލްމަކަށް ވާތީ އެވެ. ރީމޭކް ގައި އަބީޝެކް ފެނިގެން ދާނީ ބައްޕަ، އަމީތާބްގެ ކެރެކްޓަރ އިންނެވެ. އަދި އައިޝްވާރްޔާ އަދާކުރާނީ މައިދައިތަ ޖަޔާ ކުރީ ފިލްމުގައި އަދާކުރި ރޯލެވެ.
'އަބިމާން' އަކީ ލަވަކިޔުމުގެ ދާއިރާ އިން ކުރިއަށް ދިޔަ ދެމަފިރިންގެ ތެރެއިން އަނބިމީހާ މާބޮޑަށް ކާމިޔާބު ވުމުން ދެމީހުންގެ ގުޅުމަށް އަންނަ ބަދަލުތަކުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.
އައިޝްވާރްޔާ އާއި އަބީޝެކް އެންމެ ފަހުން އެކުގައި ފިލްމަކުން ފެނިގެން ދިޔައީ 2010 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ރާވަން' އިންނެވެ.