24 Oct 2017, 12:07
ކުއަލަލަމްޕޫރު (އޮކްޓޯބަރު 24): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމް މަރާލި ކަމުގެ ދައުވާ އުފުލާފައިވާ ދެ އަންހެނުން އަނެއްކާ ވެސް މެލޭޝިއާގެ ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓަށް ގެންގޮސްފި އެވެ.
ވިއެޓްނާމްގެ ދޮއާން ތީ ހުއޮންގް އާއި އިންޑޮނޭޝިއާގެ ސިތީ އައިޝާގެ މައްޗަށްކޮށްފައި ވަނީ ކިމް ޖޮންގް ނަމް ކުއަލަލަމްޕޫރު އެއާޕޯޓުގައި ހުއްޓާ އޭނާގެ މޫނުގައި ނުރައްކާތެރި ކެމިކަލެއް ހޭކި ކަމުގެ ދައުވާ އެވެ. ނަމަވެސް އެ ދެ އަންހެނުން ވަނީ އެ ދައުވާތައް ދޮގުކޮށް، އެއީ ޓީވީ ޝޯއެއް ހިންގާ ބަޔަކު ބުނެގެން ކުރި ކަމެއް ކަމަށް ބުނެފަ އެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ހިނގި އެހާދިސާގައި އުތުރު ކޮރެއާގެ އަތެއް ނުވާ ކަމަށް އެގައުމުން ބުނި ނަމަވެސް މެލޭޝިއާ އިން ވަނީ އުތުރު ކޮރެއާގެ ހަތަރު މީހެއްގެ މައްޗަށް މަރުގެ ދައުވާކޮށްފަ އެވެ. އެއީ ކިމް ޖޮންގް ނަމް މަރާލި ދުވަހު މެލޭޝިއާ އިން ފުރައިގެން ދިޔަ ހަތަރު މީހުންނެވެ.
ދޮއާން ތީ ހުއޮންގް އާއި ސިތީ އައިޝާ ކުއަލަލަމްޕޫރު އެއާޕޯޓަށް ގެންގޮސްފައި ވަނީ ފުލުހުންގެ އިތުރުން، އެމީހުންގެ ވަކީލުންނާއި އެމައްސަލަ ބަލާ ފަނޑިޔާރާ އެއްކޮށެވެ. އެމީހުން އެއާޕޯޓަށް ގެންދިޔުމުގެ މަގުސަދަކީ ކިމް އަށް ހަމަލާ ދިން ދުވަހު އަމަލު ކުރި ގޮތް ދެއްކުމަށް ކަމަށް މެލޭޝިއާގެ މީޑިއާތަކުން ބުންޏެވެ.
އެ ދެމީހުންގެ މައްޗަށް ކިމް މަރާލި ކަމުގެ ދައުވާ ސާބިތުވެއްޖެ ނަމަ ދެ މީހުންނަށް ވެސް މަރުގެ ހުކުމް ކުރާނެ އެވެ. (ބީބީސީ)