ރޯދަ މަހު ގިނަ ބަޔަކަށް ފުރުސަތު ދޭންވެގެން ދަތުރުވެރިންގެ މާރުކާޓުން ގޮޅި ދޫކުރާ މުއްދަތަކީ 10 ދުވަސް ކަމަށް ހަމަޖައްސައި ދެވަނަ ބުރަށް ގޮޅި ދޫކުރަން ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ވަގުތީ އެ މާރުކޭޓުން ގޮޅި ދޫކުރަން މިހާރު ހަމަޖައްސާފައިވަނީ ކޮންމެ ފަރާތަކަށް 10 ދުވަހަށް ކަމަށެވެ. ގޮޅިއަށް އެދޭ ފޯމް ބަލައިގަތުމާއި ދޫކުރުން އިއްޔެ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ގޮޅި ދޫކުރުން މި އުސޫލަށް ބަދަލު ކުރީ ދަނޑުވެރިންނަށް ފުރުސަތު ދޭން ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެންބާ ޖަންބު ހަސަން އަފީފު މިއަދު ވިދާޅުވީ ދެ ވަނަ ބުރުގައި ގޮޅިތައް ދޫކުރުމަށް ހަމަޖައްސާފައިވަނީ ރޯދައިގެ ކުރިން މާރުކޭޓުގައި ތިބި މީހުން ނެރުމަށްފަހު، ރޯދައަށް ގޮޅިތައް ދޫކުރަން ހުޅުވާލި ފުރުސަތުގައި ގޮޅިތައް ލިބިފައިނުވާ ފަރާތްތަކަށް ކަމަށެވެ.

އަފީފު ވިދާޅުވީ ގޮޅިތަކުގައި ބިދޭސީންނަށް ނުތިބެވޭނެ ކަމަށާއި މިހާރު ހުރި ގޮޅިތައް ދީފައިވާނީ ދަނޑުވެރިން އައުމުން އެމީހުންނަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮޅިއެއް ނަގާފައި ވިއްކާލީއޭ، ނަމަވެސް އެތަނުގައި ބިދޭސީންނަށް ނުތިބެވޭނެ، ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ރޯދަ މަހު ތިން ބުރަށް ގޮޅިތައް ދޫކުރަން މިހަމަޖެއްސީ،" އަފީފު ވިދާޅުވި އެވެ.

ވަގުތީ މާރުކޭޓުން ދެވަނަ ބުރަށް ދޫކުރާ ގޮޅިތަކުގެ ގުރުއަތުލައިގެން ހޮވޭ ފަރާތްތަކަށް ގޮޅިތައް ދޫކުރުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 10 ގަ އެވެ. މާރުކާޓުގެ ގޮޅިއަށް އެދޭ ފޯމް ދޫކުރަމުން ގެންދަނީ މާރުކޭޓު ސަރަހައްދުގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އޮފީހުންނެވެ.