24 Oct 2017, 12:55
"އަހަރެން ހާސިލް ކުރަން ބޭނުންވާ އެއްވެސް ހުވަފެނެއް ނެތް. އަހަރެން އަބަދުވެސް ގަބޫލު ކުރަނީ ތަގުދީރަށް. ތަގުދީރު އަހަރެން ކުރިއަށް ދާ މަގު ދައްކަދޭނެ،" މިއީ ޒާއިރާ ވަސީމަށް 17 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމަށް މިދިޔަ ހޯމަ ދުވަހު އާމިރު ހާންގެ ގޭގައި ބޭއްވި ޕާޓީގައި އާމިރު ޒާއިރާއާ ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނި ވާހަކައެވެ.
ފިލްމް 'ދަންގަލް' އިން ބެލުންތެރިންގެ މަގްބޫލުކަން ހޯދާފައިވާ ޒާއިރާ ބުނީ ހުރިހާ ވެސް އެއްޗަކީ ތަގުދީރު ކަމަށެވެ.
" އާމިރު ބުނީ ކޮންކަމެއްހޭ ހާސިލްކުރަން ބޭނުންވަނީ. ކޮބާހޭ ޑްރީމަކީ. އެކަމެއް ފުރިހަމަ ކޮށްދެވޭތޯ ބަލާނަމޭ ވީވަރަކުން. އަހަރެން ބުނިން ނެތޭ އެއްވެސް ޑްރީމެއް. އަހަރެން ގަބޫލުކުރާ ހިތްވަނީ ހަމަ ތަގުދީރޭ،" ޒާއިރާ ބުންޏެވެ.
ފިލްމް "ދަންގަލް" އިން ބޮލީވުޑަށް ނުކުތް ޒާއިރާއަށް އެ ފިލްމުން ވަނީ ނެޝަނަލް އެވޯޑު ލިބިފައެވެ.
ހުކުރު ދުވަހު ރިލީޒް ކުރި ފިލްމް "ސީކްރެޓް ސުޕަސްޓާ"ގެ ބަތަލާ އަކީވެސް އެ ހުނަރުވެރި އަންހެން ކުއްޖާއެވެ. ފިލްމު ރިލީޒްވެފައި ވާއިރު ފިލްމު ބެލި އެންމެން ވެސް ޒާއިރާގެ ހުނަރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެއެވެ. ޒާއިރާ އަކީ ކުޅަދާނަ ބަތަލާއެއްކަން އެންމެން ވެސް ގަބޫލުކުރެއެވެ.