24 Oct 2017, 01:21
އިދިކޮޅު ހަތަރު ލީޑަރުން އެދިވަޑައިގެންފިނަމަ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު މިރޭ ވިދާޅުވެއްޖެ އެވެ.
ފުއާދު އިޝާރާތް ކުރެއްވި އިދިކޮޅު ހަތަރު ލީޑަރުންނަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެެވެ.
ސްރީލަންކާގައި ހުންނަވައި، ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ފުއާދު ވިދާޅުވީ ގައުމަށް ހިދުމަތް ކުރެއްވުމަށް އިދިކޮޅު ހަތަރު ލީޑަރުން އެމަނިކުފާނުގެ އަރިހުގައި ދަންނަވައިފިނަމަ، ގާބިލުކަން ހުރި މިންވަރަކުން އެ ބޭފުޅުން އެދިވަޑައިގަންނަވާ ކަންތައްތައް ކޮށްދެއްވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އެބޭފުޅުން އެދިވަޑައިގެންފިނަމަ، އިންތިހާބަށް ނުކުންނެވުމަށް ތައްޔާރަށް ހުންނެވި ކަމަށާއި އެބޭފުޅުންގެ ރުހުމެއް ނެތި، ރިޔާސީ އިންތިހާބަށް ނުކުތުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
"މިއަދު ގައަމުގެ ހާލަތު އޮތް ގޮތުން އަޅުގަނޑަށް ވެސް ގަބޫލު ކުރެވޭ އިދިކޮޅު ފަރާތްތަކުން ހުރިހާ ޕާޓީތައް ގުޅިގެން އެއް ކެނޑިޑޭޓަކު ނެރުމަކީ ބޮޑަށް ކާމިޔާބު ކުރެވިދާނެ ކަމެއް ކަމަށް. އަޅގަނޑަށް އެ ވިސްނުމަށް ހަމަ އެއްބަސް ވެވެވޭ،" ފުއާދު ވިދާޅުވި އެވެ.
ފުއާދު އެގޮތަށް ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުން ގުޅިގެން، އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭ އިންތިގާލީ ކެންޑިޑޭޓަކީ ފުއާދު ތައުފީގު ކަމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެފައި ވަނިކޮށެވެ.
ވަކި މަސައްކަތްތަކެއް ކުރުމަށް ކަމަށް ބުނެ، "އިންތިގާލީ ކެންޑިޑޭޓެއް" ނެރުމަށް ނަޝީދު މަސައްކަތް ފަށާފައި ވަނިކޮށް، ފުއާދަށް ތައުރީފުކޮށް، އިދިކޮޅު އެކްޓިވިސްޓުން ޝޯޝަލް މީޑިއާގައި މިއަދު ވަނީ ފުއާދުގެ ފޮޓޯ ދައުރު ކުރަމުންނެވެ.
ފުއާދު މިރޭ ވިދާޅުވި ގޮތުގައި އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ނަމަވެސް އިދިކޮޅުން ގުޅިގެން އެއް ކެންޑިޑޭޓަކު އިންތިހާބަށް ނެރެފިނަމަ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.
"...ވޭތުވެ ދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބްގެ ކަންތައްތައް ވެގެން ދިޔަ ގޮތުން އެތައް ފަހަރެއްގެ މަތިން ފަސްކުރެވުމާއި އަދި ހަމަ އެއާ އެކީގައި އެކި އެކި ޕާޓީތަކާއި ދޭތެރޭގަ ކުރައްވާ ތަފާތުކުރުންތައް ފެންނާތީއާ އެކީގަ މިހާރުގެ އިލެކްޝަން ކޮމިޝަނުން ކަންތައްތައް އެ ގެންދަވަނީ އެންމެ ފެއާ ގޮތަކަށޭ އަޅުގަނޑަކަށް ނުދެންނެވޭނެ،" ފުއާދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބްގައި އިންތިގާލީ ކެނޑިޑޭޓަކު ނުރުމުގެ ވިސްނުން އެންމެ ފުރަތަމަ ނަޝީދުއެވެ. އިންތިގާލީ ކެނޑިޑޭޓަަށް އިންތިހާބު ކާމިޔާބު ކުރެއްވިއްޖެނަމަ، އެ ރައީސެއްގެ މަސައްކަތެއް ކަމަށް ނަޝީދު ފާހަގަކުރައްވާފައި ވަނީ ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރުމަށާއި ވެރިކަމުގެ ނިޒާމު އިސްލާހު ކުރުމެވެ.
ނަމަވެސް އިންތިގާލީ ވެރިއެއް އިންތިހާބް ކުރުމަށް މިހާރުގެ ގާނޫނު އަސާސީން ފުރުސަތެއް ނެތް ކަމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ އިސް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި އެފަދަ ވާހަކަތަކެއް އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބަލި ނުކުރެވޭނެ ކަން ޔަގީން ވުމުން ކަމަށް ވެސް ޕީޕީއެމުން ބުނެއެވެ.