24 Oct 2017, 08:38
ޖަކާޓާ(އޮކްޓޯބަރ 23): ގަތަރުން ހަކަތައިގެ ދާއިރާގައި އިންޑޮނީޝިޔާގައި އެއްބިލިޔަން އެމެރިކާ ޑޮލަރު އިންވެސްޓްކުރަން ނިންމައިފިއެވެ.
އިންޑޮނީޝިޔާގެ ހަކަތައާބެހޭ ވަޒީރު އަރަކްންދްރާ ތާހިރު ވިދާޅުވިގޮތުގައި، އެއްބިލިޔަން ޑޮލަރު އިންވެސްޓްކުރާނީ ގަތަރުގެ ކުންފުންޏެއްކަމަށްވާ ނިބްރާސުންނެވެ. މިއީ ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު މިމަހު އިންޑޮނީޝިޔާއަށް ކުރެއްވި ދަތުރުގައި ދެގައުމުން ސޮއިކުރި އިގްތިސާދީ އެއްބަސްވުންތަކުގެ ދަށުން ކުރާ އިންވެސްޓްމަންޓެކެވެ. މިއިންވެސްޓްމަންޓްގެ ދަށުން ނިބްރާސް ކުންފުނިން އިންޑޮނީޝިޔާގެ ސުމަޓްރާގައި އަށްސަތޭކަ މިލިޔަން ޑޮލަރުގެ އަގުހުރި އިލެކްޓްރިކް ޕަވާ ސްޓޭޝަނެއް ބިނާކުރުމަށްވަނީ ހަމަޖެހިފައެވެ. މިއީ ގުދްރަތީ ގޭސް ބޭނުންކޮށްގެން ދެހާސް މެގަވޯޓްގެ ކަރަންޓް އުފެއްދޭގޮތަށް އެތަށް ބައެއް ހިމެނޭގޮތަށް ބިނާކުރާ ބިޔަ ސްޓޭޝަނެކެވެ.
މީގެއިތުރުން ސުމަޓްރާގައި ގޭސް ރައްކާކުރާ ބިޔަ ސްޓޯރޭޖް އަކާއި ފުޅިފުޅީގައި ގޭސް ބަންދުކުރުމުގެ މަސައްކަތްކުރާ ކާރުޚާނާއެއްވެސް ބިނާކުރާނެއެވެ. މިއީ ދުއިސައްތަ މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ.
ނިބްރާސް ކުންފުންޏަކީ ގަތަރު ސަރުކާރުގެ ސީދާ ހިއްސާއާއި ގަތަރުގެ ބިޔަ ބައެއް ކުންފުނިތަކުގެ ހިއްސާ އޮންނަ ބޮޑު ކުންފުންޏެކެވެ. މިކުންފުނިން އިންޑޮނީޝިޔާގެ އެހެން ބައެއް ސަރަހައްދުތަކުގައިވެސް ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްފައި އެބަހުއްޓެވެ. މީގެތެރޭގައި ގުދްރަތީ ގޭހުން ކަރަންޓް އުފައްދާ ސްޓޭޝަންތައް ހިމެނެއެވެ. އިންޑޮނީޝިޔާއަކީ އިގްތިސާދީ ގޮތުން ވަރަށް ހަލުއި ދުވެއްޔެއްގައި ކުރިއަރަމުންދާ ގައުމެކެވެ. މި ކުރިއެރުމާއެކު އެގައުމަށްވަނީ އިންތިހާއަށް ހަކަތަ ބޭނުންވެފައެވެ.
އިންޑޮނީޝިޔާއަކީވެސް ގޭހާއި ތެޔޮ އުފައްދާ ގައުމެކެވެ. ނަމަވެސް ގަތަރުގެ ގޭސް އެގައުމަށް އިންޕޯޓް ކުރެއެވެ. ގަތަރުން ވަނީ އިންޑޮނީޝިޔާގެ ޓޫރިޒަމް ސެކްޓަރުގައިވެސް ބޮޑެތި އިންވެސްޓްމަންޓް ތަކެއް ކުރަން ނިންމާފައެވެ. މީގެތެރޭގައި ހޮޓާތައް ބިނާކުރުމާއި ރިސޯޓްތައް ބިނާކުރުން ހިމެނެއެވެ. އަދި ރިއަލް އެސްޓޭޓްގެ ދާއިރާގައި އިންވެސްޓް ކުރުމާބެހޭގޮތުންވެސް ގަތަރުގެ އަމީރުގެ ދަތުރުފުޅުގައި ދެގައުމުންވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ގަތަރުގެ އަމީރު ދާދިފަހުން އޭޝިޔާގެ ބައެއް ގައުމުތަކަށް ކުރެއްވި ދަތުރުގައި މެލޭޝިޔާއާއި ސިންގަޕޫރަށް ވެސް ވަޑައިގެންނެވިއެވެ. މިދަތުރުފުޅުގައި ގަތަރުގެ ކުންފުނިތަކުންވަނީ މެލޭޝިޔާގައި އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމުގެ ދާއިރާގައި އިންވެސްޓް ކުރުމާބެހޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. ބައެއް ހައިވޭތަކާއި ބްރިޖްތައް ހެދުމާއި ޒަމާނީ ރޭލްވޭ ތައް މެލޭޝިޔާގައި ބިނާކުރުން މީގެތެރޭގައި ހިމެނެއެވެ.
ގަތަރަކީ ގުދްރަތީ ގޭހުގެ މުއްސަނދިކަން އިންތިހާއަށް ލިބިފައިވާ ގައުމެކެވެ. ގޭހުގެ ސިނާއަތުން އެގައުމުގެ ރައްޔިތެއްގެ ބޮލަށް އެވްރެޖްކޮށް އަހަރަކު އެއްލައްކަ ސާޅީސް ހާސް ޑޮލަރުގެ އާމްދަނީ އެއްޖެހެއެވެ. މިއީ ބޮލަކަށްޖެހޭ ޑޮލަރުގެ ނިސްބަތް ނުވަތަ ޕާކެޕިޓާ ޖީޑީޕީ ދުނިޔޭގައި އެންމެ ބޮޑު ގައުމެވެ. (ނޫސްއެޖެންސީތައް)