ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ދަތުރުފަތުރު ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް ނިންމައިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ނެރުނު ބަޔާނުގައި ބުނެފިއެވެ.

އެމްޕީއެލްއިން ބުނީ ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކުން ހިލޭ ދަތުރުކުރުމަށްޓަކައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ މަހުގެ އެއް ވަނަ ދުވަހު ހުޅުވައިލާނެ ކަމަށެެވެ. އަދި ރަޖިސްޓްރީ ކުރުމުން އެމްޕީއެލުން މިހާރު ދަތުރު ފަތުުރުގެ ހިދުމަތް ދެމުންގެންދާ އައްޑުއާ އި ފުވައްމުލަކު ސިޓީގެ އިތުރުން ހައްދުންމަތީގެ ގުޅިފައިވާ ރަށްތަކުގައި ވެސް ހިލޭ ދަތުރުކުރުމުގެ ފުރުސަތު އެ މީހުންނަށް ލިބެގެން ދާނެ ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލުން މިހާރު ވެސް 65 އަހަރު ވެފައިވާ މީހުންނަށާއި އަދި ދެ އަަހަރުން ދަށުގެ ކުދިންނަށް ދަތަރުފަތުރުގެ ހިދުމަތް ދެމުން ގެންދަނީ ހިލެެއެވެ.

ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް އެމްޕީއެލުން އަބަދުވެސް ހާއްސަ އިސްކަމެއް ދޭ އިރު އެ ކުންފުނިން ވަނީ ހާއްސަ އެހީ އަށް ބޭނުންވާ ގިނަބަޔަކަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ވެސް ތަނަވަސް ކޮށްދީފައެވެ.