އެވަޓަން އަށް މި ސީޒަނުގެ މިހާތަނަށް ރަނގަޅު ނަތީޖާ ތަކެއް ހޯދައިދެވިފައި ނުވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗު ކަމުން ރޮނަލްޑް ކޫމަން ވަކިކޮށްފި އެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަތުން 1-1 ލަނޑުން އެއްވަރުވި މެޗަށް ފަހު، ރަނގަޅު ނަތީޖާ ތަކެއް ހޯދިފައެއް ނުވެ އެވެ. ނަތީޖާއެއްގެ ގޮތުން، މިހާރު އެވަޓަން އޮތީ ކުޅުނު ނުވަ މެޗުން ލިބުނު އަށް ޕޮއިންޓާ އެކު ތާވަލުގެ އަށް ވަނައިގަ އެވެ.

އެވަޓަން އިން ނެރުނު ބަޔާނެއްގައި، އެ ކްލަބުގެ ކޯޗު ކަމުގެ މަގާމުން ކޫމަން ވަކި ކޮށްފައިވާ ކަން ވަނީ އިއުލާން ކޮށްފަ އެވެ.

"ފާއިތުވެދިޔަ 16 މަސް ދުވަހުގެ ތެރޭގައި ކޫމަން، މި ކްލަބަށް ކޮށްދިން ހިދުމަތަށް ޗެއާމަން ވިލް ކެންރައިޓާއި ބޯޑް އޮފް ޑައިރެކްޓަރުންގެ ފަރާތުން ޝުކުރު އަދާ ކުރަން. އަދި މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ހަތް ވަނަ ހޯދައި ދިނުމުން އެ ކަމަށް ވެސް ކްލަބުގެ ފަރާތުން ކޫމަން އަށް ޝުކުރު އަދާކުރަން،" އެވަޓަން އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޕްރިމިއާ ލީގުގެ އިތުރުން މި ސީޒަނުގެ ޔޫރޮޕާ ލީގުގައި ވެސް އެވަޓަން އަށް ރަނގަޅު ނަތީޖާތަކެއް ހޯދިފައެއް ނުވެ އެވެ.