24 Oct 2017, 08:28
ދިވެހިންގެ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން އާންމުކޮށް ތިނެއް ނޫނީ ހަތަރު އިރު ކައި އުޅެއެވެ. މައިގަނޑު ގޮތެއްގައި ބަތާއި ގޮދަންފުށު ރޮށި ކެއުމަށް އާދަވެފައި ތިބި މީހުން ދިވެހިންގެ ތެރޭ ގިނައެވެ. ކެއުމުގެ އާދަތަކަކީ ސިއްހަތަށް މާބޮޑު ސަމާލުކަމެއް ދިނުމަކާނުލައި ކުރިއަށް ގެންދާ ކަންތަކަށް ވަނީ ވެފައެވެ.
ދިވެހިންގެ ކެއުމުގެ މައިގަނޑު އެކައްޗަކަށް ވެފައިވާ ބަތަކީ، އޭގައި ގިނައަދަދަކަށް ސްޓާޗް އެކުލެވޭ އެއްޗެކެވެ. ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ހަކުރު ބަލީގެ މީހުން ގިނަ މި ރާއްޖޭގައި އާންމުކޮށް ބަތް ކާ މީހުން ގިނައިރު މިއީ ވިސްނައިލަން ޖެހޭ ކަމެކެވެ. އާންމުކޮށް މީހަކު ކާ ބަތް ތަށްޓަކާ ދެ ދަޅު ފިޒީ ޑްރިންކް ބުއިމާ އެއްވަރެވެ.
މީގެ އިތުރުން ނޫޑްލްސް އަކީވެސް އާންމުކޮށް ކެއުމުން އޭގެ ނުރައްކާ ކުރިމަތިވެދާނެ އެއްޗެކެވެ. ބަތުގައި އަދި ނޫޑްލްސްގައި ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް އެކުލެވޭއިރު އެ އެއްޗެހި ކެއުމުން ހަށިގަނޑުތެރޭ ހަކުރުގެ މިންވަރު އިތުރުވެއެވެ. މީގެ ސަބަބުން ކިޑްނީއަށް ގެންލުން ލިބި ޑައިބެޓިކްސް އަށް މަގުފަހުވުން އެކަށީގެންވެއެވެ.
އާންމުކޮށް ބަތް ކެއުމަށް އާދަވެފައި ހުންނަ މީހެއްނަމަ 'ވައިޓް ރައިސް' ނުވަރަ ހުދު ހަނޑުލުގެ ބަދަލުގައި ބްރައުން ރައިސް ކެވިދާނެއެވެ. ކޮންމެ ދުވަހަކު ހުދު ހަނޑުލުގެ ބަތް ކާނަމަ ޑައިބެޓިކްސް ޖެހުމުގެ ފުރުސަތު 11 އިންސައްތައަށް އިތުރުވާކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.
މަސްދަރު: ސްޓެތްނިއުސް