އައްޑޫ ސިޓީގައި އަޅާފައި ހުރި ހައުސިން ޔުނިޓްތައް މިއަހަރު ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަފިރިނަސް ތައްޔާރަ މި ނަމުގައި އައްޑޫ ސިޓީ ހިތަދޫގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ގޯތި ގެދޮރުގެ މައްސަލަ ހައްލުކުރުމަށް އައްޑޫސިޓީގައި އެތައް ސަތޭކަ ހައުސިން ޔުނިޓްތައް އަޅާފައިވާ ކަމަށެވެ. އެގޮތުން ހިތަދޫ އަދި ހުޅުމީދޫގައި އަޅާނިމިފައިވާ ހައުސިން ޔުނިޓްތައް މިއަހަރު ނިމުމުގެ ކުރިން ހަވާލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގޯތިގެދޮރުގެ މައްސަލަ ހައްލުކުރުމަށްޓަކާ ވެސް މި ސިޓީގަ އެކަނިވެސް އެތައް ސަތޭކަ ހައުސިން ޔުނިޓެއް ވަނީ ހަދާނިމިފަ. އިރާދަ ކުރެއްވިއްޔާ ހިތަދޫގަ އެޅިފައިވާ ހައުސިން ޔުނިޓުތައްވެސް އޭގެ ހައްގުވެރި ފަރާތްތައް ކަނޑައެޅި މިއަހަރު ނިމުމުގެ ކުރިން ހަވާލުކުރާނަން" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީ ފޭދޫގައި މި ސަރުކާރުން ހިއްކާފައިވާ 50 ހެކްޓަރުގެ ބިމުގައި ވެސް މިއަހަރު ތެރޭ 100 ހައުސިން ޔުނިޓް އަޅަން ފަށާނެ ކަމަށާ މިއީ މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާ މުހިއްމު މަޝްރޫއެއް ކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫގައި 264 ހައުސިން ޔުނިޓް އަދި ހުޅުމީދޫގައި 48 ފްލެޓް ވަނީ އަޅައިފައެވެ.

ހޮނިހިރު ދުވަހުގެރޭގެ ޖަލްސާގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ، ކޮންވެންޝަން ސެންޓަރެއް އެޅުމަށް ކަމަށް ބުނެ، އެއްވެސް ބެލުމެއް ނެތި އެތައް ރައްޔިތުންގެ ގޯތި އަތުލާފައިވާ ކަމަށާއި އެކަންތައް މި ސަރުކާރުން ހައްލުކޮށްދޭނެ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ހަމައެކަނި އައްޑޫ ސިޓީގެ ތަރައްގީއަށް 1.5 ބިިލިއަން ރުފިޔާ ކަނޑައަޅާފައިވާކަން ހައުސިން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާ މި މަސައްކަތް ނިމޭވަރަކަށް ފެނާ ނަރުދަމާގެ މަސައްކަތް ނިމެމުންދާތަން ވެސް ފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ދައުރުގެ ބާކީ މި އޮތް މުއްދަތުގަ ފެނިގެންދާނީ ފެނާ ނަރުދަމާގެ މަސައްކަތް ނިމެމުން ދާވަރަކުން މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދާތަން،" މިނިސްޓަރު ވިދާޅުވިއެވެ.