ހޮލެންޑް ގައުމީ ޓީމުގެ އެއްނަމްބަރު ކީޕަރު މާޓިން ސްޓެކެލެންބާގް 6.3 މިލިޔަން ޕައުންޑަށް އިޓަލީ ކްލަބް އޭއެސް ރޯމާއާ ގުޅިއްޖެ އެވެ. ހޮލެންޑް ކްލަބް އަޔެކްސްއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއްއަހަރުއޮއްވާ ސްޓެކެލެންބާގް ރޯމާއާއި ގުޅުނީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

"އަޔެކްސްގެ ކީޕަރު މާތިން ސްޓެކެލެންބާގްއާ އެކު ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ވަނީ ސޮއިކުރެވިފައި. މިއެއްބަސްވުމުގެދަށުން 30 ޖޫން 2015 އާ ހަމައަށް ސްޓެކެލެންބާގް ތަމްސީލުކުރަމުންދާނީ އޭއެސް ރޯމާ." ރޯމާއިން ނެރުނު ބަޔާނެއްގައިވެ އެވެ.

މިދިޔަ ސީޒަން ނިމުމާ އެކު އެހެން ކްލަބަކަށް ބަދަލުވާން ބޭނުންވާ ކަމަށް އަޔެކްސް ކެޕްޓަން ސްޓެކެލެންބާގްވަނީ ހާމަކޮށްފަ އެވެ. ސްޓެކެލެންބާގްވަނީ ނުވަ އަހަރު އަޔެކްސްގެ ސީނިއާ ޓީމަށް ކުޅެފަ އެވެ. މިއީ ހޮލެންޑް ކްލަބެއްނޫން އެހެން ކްލަބަކަށް ސްޓެކެލެންބާގް ބަދަލުވި ފުރަތަމަ ފަހަރެވެ.

"އެންމެ ފަހުން ރޯމާއަށް ބަދަލުވެވުނީ. ރޯމާއަކީ ފުޓްބޯޅައިގެ ދިގު ތާރީޚެއްއޮތް ކްލަބެއް. ސްޓޭޑިއަމް ބަލައިލުމަށް ވަގުތެއް ނުލިބުނަސް އަހަރެންނަށް މިހާރުވަނީ ޓްރެއިނިންގް ކޮމްޕްލެކްސްއާއި ވަސީލަތްތައް ފެނިފައި. ހުރިހާ ގޮތަކުން ވެސް ރޯމާ ވަރަށް ފުރިހަމަ." ކީޕަރު ސްޓެކެލެންބާގް ބުންޏެވެ.