23 Oct 2017, 14:45
ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާއަށް މިއަދު ސަފީރު ކަމުގެ ފަތްކޮޅު އެރުވި ހުރިހާ ސަފީރުން ވެސް އެގައުމުތަކާއި ލަންކާއާ އެކު އޮތް ގުޅުންތައް އިތުރަށް ބަދަހި ކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
ރާއްޖެއިން ލަންކާއަށް ކަނޑައެޅި ސަފީރު މުހައްމަދު ހުސެން ޝަރީފް (މުންދު)، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ސިރިސޭނާއަށް މިއަދު އަރުވާފައިވާ އިރު، ރައީސް ސިރިސޭނާ ވަނީ ހުރިހާ ސަފީރުންނަށް ވެސް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
އިތުރު ހަތަރު ގައުމެއްގެ ސަފީރުންނާ އެކު މުންދު އޭނާގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސް ސިރިސޭނާއަށް އަރުވާފައި ވަނީ މިއަދު ހެނދުނު 10:30ގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގަ އެވެ.
ރާއްޖެ އިން ލަންކާއަށް ކަނޑައަޅާ ސަފީރު ކަމަށް މުންދުގެ ނަން މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ މަހު 23ގަ އެވެ. އެ ވޯޓުގައި އިދިކޮޅު މެންބަރަކު ބައިވެރިއެއް ނުވެ އެވެ.
ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ވެސް ކުރެއްވި މުންދު ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ. އެންމެ ފަހުން އޭނާ ހުންނެވީ ޖަޕާނަށް ރާއްޖެ އިން ކަނޑައެޅުއްވި ސަފީރުގެ މަގާމްގައެވެ.