02 Aug 2011, 12:33
ޕޯޓޯގެ އަގުބޮޑު ފޯވާޑް ހަލްކް އެއްވެސް ކުޅުންތެރިއެއް ބަދަލުގައި ދިނުމުންވެސް ވިއްކަން ބޭނުންނުވާކަމަށް އެކްލަބްގެ ރައީސް ޕިންޓޯ ޑަ ކޮސްޓާ ބުނެފި އެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ރެއާލް މެޑްރިޑްގެ ތަރި ކްރިޓިއާނޯ ރޮނާލްޑޯއާ އެކު ވެސް ހަލްކް ނުވިއްކާނެ ކަމަށް ޑަކޮސްޓާ ބުނެފައިވެ އެވެ.
ޕޯޓޯއާ އެކު މިދިޔަ ސީޒަންގައި ހަލްކް ދެއްކި ކުޅުމާ އެކު ގިނަ ބޮޑެތި ކްލަބްތަކަކުން ހަލްކް ގެންދިއުމަށް މަސައްކަތްކޮށްފައިވެ އެވެ. ހަލްކްގެ އިތުރުން އެކްލަބްގެ ރަޑަމެލް ފަލްކާއޯ، އަލްވާރޯ ޕެރޭރާ، ޖޯއާ މޯޓީނިއޯ އަދި ރޮލާންޑޯ ގެންދިއުމަށް ވެސް ކްލަބްތަކުން މަސައްކަތްކޮށްފައިވެ އެވެ. އެހެންނަމަވެސް ޕޯޓޯގެ ތަރިން ދޫނުކޮށްލާނެކަމަށް އެކަލަބްގެ ރައީސް ޑަކޮސްޓާވަނީ ހާމަކޮށްފަ އެވެ.
"އަހަރެންނެއް ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ވެސް ހަލްކެއް ނުވިއްކާނަން. ކޯޗްގެ ޚިޔާލު މިކަމުގައި ތަފާތުވެދާނެ. މިއީ އަހަރެންގެ ޚިޔާލު. 100 މިލިޔަން ޕައުންޑަށް ކްލަބަކުން ހަލްކް ގަނެފާނެކަމަށް ބެލެވޭ." ޕޯޓޯގެ ރައީސް ޑަކޮސްޓާ ބުންޏެވެ.
ޕޯޓޯގެ ކޮލަމްބިއާ ފޯވާޑް ފަލްކާއޯ ހޯދޭނެ ކްލަބްތަކެއް ހުރިކަމަށް ޕޯޓޯގެ ކޯޗް ހާމަކުރި އެވެ. ސާޖިއޯ އަގުއެރޯ އެތްލެތިކޯ މެޑްރިޑުން މެންޗެސްޓާ ސިޓީއާ ގުޅުމުން އެތްލެޓިކޯ މެޑްރިޑުން ފަލްކާއޯ ހޯދުމަށް މަސައްކަތްކުރާނެކަމަށް ރިޕޯޓްތަކުން ބުނަމުންދެ އެވެ.
"އެއްވެސް ކްލަބަކުން ފަލްކާއޯ ގަންނަން ބޭނުން ނަމަ މިހާރު އޭނާ ހުންނާނީ އެކްލަބެއްގައި. އެއްކުޅުންތެރިއަކަށް ބޮޑު ޚަރަދެއް ކުރާ ގިނަ ކްލަބްތަކެއް ނެތް ނަމަވެސް މަދު ކްލަބްތަކެއް އެބަހުރި. ރެއާލް މެޑްރިޑް ބޭނުން ނަމަ ގެންދެވުނީސް، ގިނަ ވާހަކަތަކަކާ އެކު ބާސެލޯނާ އަށް ފަލްކާއޯ ގެންދެވުނީސް، ޗެލްސީ، ޕީއެސްޖީ އަދި މެންސިޓީއަށް ވެސް ފަލްކާއޯ ގެންދެވުނީސް. އެތްލެޓިކޯ މެޑްރިޑްގެ އަގު ބަލާފައި އަހަރެންނަށް ހަމައެކަނި ހިނިއަންނަނީ." ޕޯޓްގެ ރައީސް ޑިކޮސްޓާ ބުންޏެވެ.