23 Oct 2017, 12:33
އެލައިޑް އިންޝުއަރެންސް އަދި ޕާޓްނަރެއްގެ ގޮތުގައި ޓާކިޝް އެއާލައިން ގުޅިގެން މިދިޔަ މަހު، ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ފެށި ޕްރޮމޯޝަންގައި ގުރުއަތުން ހޮވުނު ނަސީބުވެރިޔާއަށް އިނާމު ހަވާލު ކޮށްފި އެވެ.
އެލައިޑް ގެސްޓްހައުސް އިންޝުއަރެންސް ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ހޮވިފައި ވަނީ ފ. ނިލަންދޫގެ "ނިލަންދެ އިން" ގެސްޓްހައުސް އެވެ.
މިއަދު އެލައިޑް އިންޝުއަރެންސް އޮފީސްގައި ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮމޯޝަންގެ ދަށުން ހޮވުނު ނިލަންދެ އިން ގެސްޓްހައުސް އަށް ލަންޑަންގެ ރިޓާން ޓިކެޓް އަދި 2100 ޑޮލަރުގެ އިނާމު ވަނީ ހަވާލުކޮށްފަ އެވެ. އެ އިނާމު ހަވާލޮކޮށްދެއްވީ ޓާކިޝް އެއާލައިންސްގެ ޖެނެރަލް މެނޭޖަރު ފަހީމް ބަކޯވާ އަދި އެލައިޑްގެ ޖެނެރަލް މެނޭޖަރު އަހުމަދު ރިޔާޒީ އެވެ.

އެލައިޑް ގެސްޓްހައުސް އިންޝުއަރެންސް ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް އިނާމް ހަވާލްކުރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެލައިޑް އިންޝުއަރެންސުން ދިރާގު ގެސްޓްހައުސް ކޮންފަރެންސްގައި ތައާރަފްކުރި އެ ޕްރޮމޯޝަނަކީ، އެލައިޑް އިންޝުއަރަންސް އަދި އަޔާދީ ތަކާފުލް އިން ގެސްޓްހައުސް އިންޝުއަރެންސް ޕޮލިސީއެއް ނަގައިގެން ލަންޑަނުގައި އޮންނަ ވޯލްޑް ޓްރެވަލް މާކެޓު (ޑަބްލިއުޓީއެމް) ފެއާގައި ބައިވެރިވެ އެ ގެސްޓްހައުސް އިޝްތިހާރު ކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ކަމަށް އެލައިޑް އިންޝުއަރެންސުން ބުންޏެވެ.
އެލައިޑުން ބުނީ، ފެއާގެ ރެޖިސްޓްރޭޝަން އަދި ގެޓްއަވޭސްގެ ފަރާތުން ލަންޑަންގައި ގައިޑެންސް ވެސް "ނިލަންދެ އިން" އަށް ދޭނެ ކަމަށެވެ.
މިއަދު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެލައިޑްގެ ޖެނެރަލް މެނޭޖަރު އަހުމަދު ރިޔާޒީ ވިދާޅުވީ، އެ ޕްރޮމޯޝަން ކާމިޔާބުކަމާ އެކު ނިންމާލުމަށް ޓާކިޝް އެއާލައިނުން ޕާޓްނަރެއްގެ ހައިސިސއްޔަތުން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެލައިޑުގެ ކަސްޓަމަރުންނަށް އެފަދަ އަގުހުރި ފުރުސަތުތަކެއް ހޯދައި ދޭނެ ކަމަށް ވެސް ރިޔާޒީ ވިދާޅުވި އެވެ.

އެލައިޑް އިންޝުއަރެންސްއިން ގެސްޓްހައުސްތަކަށް ހާއްސަކޮށްގެންފެށި ޕްރޮމޯޝަން ގައި ހޮވުނު ފ. ނިލަންދޫގެ "ނިލަންދެ އިން" ގެސްޓްހައުސް -- ފޭސްބުކް
"ނިލަންދެ އިން" އަކީ މިދިޔަ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު ހުޅުވާފައިވާ ނުވަ ކޮޓަރީގެ ގެސްޓްހައުސްއެކެވެ. އަދި އެ ގެސްޓްހައުސްގެ ފަރާތުން ބުނީ އެ ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވުން ވެގެންދިޔައީ ލިބިގެން ދިޔަ ސަޕްރައިޒެއް ކަމަށާއި ޑަބްލިއުޓީއެމް ފެއާގައި ބައިވެރިވުމަކީ ގެސްޓްހައުސްގެ ކުރިއެރުމަށްލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.