ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަން ސާބިތުވެ ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މާލެ ގެނެސް ފަރުވާދީފި އެވެ.

އޭނާ އަށް ފަރުވާ ދީފައި ވަނީ އައިޖީއެމްއެޗު ގަ އެވެ. ނަމަވެސް ނާޒިމް އަށް ފަރުވާ ދީިފައި ވަނީ ކޮންކަމަކާ ގުޅޭ ގޮތުން ކަމެއް ވަނީ ސާފުވާގޮތް ނުވެފަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑީއާ އޮފިސަރު އަހްމަދު ލުގްމާން މިއަދު ސަން އަށް ވިދާޅުވީ ކާނަލް ނާޒިމް މާލެ ގެނެސްފައި ވަނީ ހެނދުނު 9:00ގައި ކަމަށާއި އޭނާ އަނބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.

ލުގްމާން ވިދާޅުވީ ނާޒިމް އަށް ފަރުވާދީފައި ވަނީ ކޮން ކަމަކާ ގުޅިގެން ކަން ހާމަ ކުރެވެން ނެތް ކަމަށާއި ނަމަވެސް މިއަދު ނާޒިމަށް ފަރުވާ ދިނުމަށް ކަރެކްޝަންސްގެ ބެލުމުގެ ދަށުން މާލެ ގެނެސްފައިވާ ކަމަށެވެ.

ނާޒިމް ގިނަ ދުވަސްތަކެއް ވަންދެން ގޭގައި ބެހެއްޓުމަށް ފަހު އަނބުރާ ޖަލަށް ގެނގޮސްފައި ވަނީ މީގެ ހަތަރު މަސް ކުރިންނެވެ.

ކާނަލް ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނުކަން ސާބިތުވެ ޖަލަށް ލާފައި ވަނީ 11 އަހަރު ދުވަހަށެވެ. އަދި އޭނާގެ މައްޗަށް ސުޕްރީމް ކޯޓުން ވެސް ވަނީ ހުކުމް ދެމެހެއްޓުމަށް ތާއީދު ކޮށްފަ އެވެ.