23 Oct 2017, 11:17
ސްރީލަންކާއަށް ރާއްޖެއިން ކަނޑައެޅި ސަފީރު މުހައްމަދު ހުސެން ޝަރިފް (މުންދު)، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާއަށް އަރުވައިފިއެވެ.
ލަންކާގެ ރައީސް ސިރިސޭނާއަށް، މުންދު އޭނާގެ ސަފީރު ކަމުގެ ފަތްކޮޅު އަރުވާފައިވަނީ މިއަދު ހެނދުނު 10:30 ގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ.
ރާއްޖެއިން ލަންކާއަށް ކަނޑައަޅާ ސަފީރު ކަމަށް މުންދުގެ ނަން މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ މަހު 23ގައެވެ. އެ ވޯޓުގައި އިދިކޮޅު މެންބަރަކު ބައިވެރިއެއް ނުވެއެވެ. އަދި މުންދު ސަފީރު ކަމަށް އައްޔަން ކުރުމާ އެކު އޭނާ ސަފީރެއްގެ ގޮތުގައި ބަލައި ނުގަތުމަށް އެދި އިދިކޮޅު ފަރާތްތަކުން ވަނީ އިހުތިޖާޖް ކޮށްފައެވެ.
ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ވެސް ކުރެއްވި މުންދު ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ. އެންމެ ފަހުން އޭނާ ހުންނެވީ ޖަޕާނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރުގެ މަގާމްގައެވެ.