23 Oct 2017, 10:08
ސްޕެނިޝް ލީގުގައި ރޭ އެއިބާއާ ދެކޮޅަށް ކުޅުނު މެޗު ވަރަށް ފަސޭހަކަމާއެކު ކާމިޔާބުކޮށް ރެއާލް މެޑްރިޑް ލީގުގެ ތިން ވަނަ މަގާމަށް ޖެހިލައިފިއެވެ.
ރޭގެ މެޗުން ރެއާލް މޮޅުވީ 0-3ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ރެއާލަށް ލީގުގެ ތިން ވަނަ ލިބެނީ 20 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 21 ޕޮއިންޓާއެކު ވެލެންސިއާ އޮތްއިރު އެއްވަނައިގައި 25 ޕޮއިންޓާއެކު އޮތީ ބާސެލޯނާއެވެ.
ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލަކީ މެޗުގެ 18 ވަނަ މިނެޓުގައި އެއިބާގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި އޭގެ 10 މިނެޓު ފަހުން މާކޯ އެސެންސިއޯ ވަނީ ރެއާލްގެ ދެވަނަ ގޯލު ޖަހައި ލީޑު ފުޅާ ކޮށްދީފައެވެ.
ފުރަތަމަ ހާފު މި ނަތީޖާގައި އޮވެ ނިމުނު އިރު، ދެވަނަ ހާފުގައި ވެސް ލީޑު އިތުރަށް ފުޅާ ކުރުމަށް ރެއާލަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔައެވެ. އެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ރަނގަޅު ދެ ހަމަލާއެއް އެއިބާގެ ކީޕަރު ޑިމިޓްރޮވިޗްގެ ވަނީ ދިފާއު ކޮށްފައެވެ. ރެއާލްގެ ތިން ވަނަ ގޯލު މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ކަމިޔާބު ކޮށްދިނީ މާސެލޯ އެވެ.
ސްޕެނިޝް ލީގުގެ ހަތަރުވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑުން ވަނީ ރޭ ސެލްޓަ ވީގޯގެ މައްޗަށް 0-1 އިން ކުރި ހޯދައިފައެވެ. މި މެޗުގެ ހަމައެކަނި ގޯލު އެތްލެޓިކޯ އަށް ކާމިޔާބުކޮށްދިނީ ކެވިން ގަމެއިރޯއެވެ. މި މޮޅާއެކު ލީގުގެ ހަތަރުވަނައިގައި އެތްލެޓިކޯ އޮތީ 19 ޕޮއިންޓާއެކުއެވެ.