23 Oct 2017, 10:03
ފްރެންޗް ލީގުގައި ރޭ ޕީއެސްޖީ ކުޅުނު މެޗުގައި އެޓީމުގެ ބްރެޒިލް ތަރި ނޭމާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލިއިރު، އެ މެޗުން ޕީއެސްޖީއަށް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.
މާސޭއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މި މެޗު ނިމުނީ 2-2ގެ ނަތީޖާ އަކުންނެވެ. މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ޕީއެސްޖީ މިހާރު އޮތީ 26 ޕޮއިންޓާއެކުއެވެ. ލީގުގެ ދެވަނައިގައި މޮނާކޯ 22 ޕޮއިންޓާއެކު އޮތްއިރު މާސޭ އޮތީ 18 ޕޮއިންޓާއެކު ލީގުގެ ފަސްވަނައިގައެވެ.
މާސޭގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ގޯލްޖަހައި ލީޑުނެގީ މާސޭ އިންނެވެ. މި ގޯލު މެޗުގެ 16 ވަނަ މިނެޓްގައި މާސޭއަށް ކާމިޔާބުކޮށްދިނީ ލުއިޒް ގުސްޓާވޯއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ނޭމާ ވަނީ ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ ޕީއެސްޖީއަށް ނޭމާ ކާމިޔާބުކޮށްދިން 10 ވަނަ ގޯލެވެ.
ދެވަނަ ހާފުގެ 78 ވަނަ މިނެޓްގައި މާސޭ އިން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގައިފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޕްލޮރިން ތައުވިންއެވެ. މާސޭއިން ލީޑު ނަގާފައިވަނިކޮށް މެޗުގެ 87 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑާއެކު ރެފްރީ ވަނީ ނޭމާއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. ނޭމާއަށް ދެވަނަ ރީނދޫ ކާޑު ދެއްކީ ބޯޅަ ނެތި، މާސޭގެ ކުޅުންތެރިއަކަށް ހަމަލާ ދިނުމާ ގުޅިގެންނެވެ.
މި މެޗުން މާސޭ މޮޅުވާންދަނިކޮށް މެޗުގެ އެންމެފަހު މިނެޓްގައި ލިބުނު ހިލޭޖެހުމަކުން އެޑިންސަން ކަވާނީ ވަނީ ނަތީޖާ އެއްވަރުކޮށް ޕީއެސްޖީއަށް މި މެޗުން ޕޮއިންޓެއް ހޯދައިދީފައެވެ. މިއީ ކަވާނީ ލީގުގައި ކާމިޔާބުކުރި ނުވަ ވަނަ ގޯލެވެ.
ފްރެންޗް ލީގުގައި 10 މެޗު ކުޅެ ނިމުނުއިރު ޕީއެސްޖީ އަދި އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.