02 Aug 2011, 11:37
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް )އެފްއޭއެމް( އިން ކުރީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ރޯދަ މަހު ބާއްވާ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތް އިއްޔެ ފެށިއިރު، ފުރަތަމަ މެޗްގައި ވެލެންސިއާ މޮޅުވިޔަނުދީ މާޒިޔާ އިން ހިފަހައްޓައިފި އެވެ.
ޓާފް ދަނޑުގައި އިއްޔެ ކުޅުނު މެޗް 1-1 ލަނޑުން ދެ ޓީމް އެއްވަރު ވިއިރު، މެޗްގެ ފުރަމަތަ ލަނޑު ޖަހާ ލީޑް ނެގީ ވެލެންސިޔާއިން ނެވެ. އެލަނޑު ވެލެންސިޔާއަށް ކާމިޔާބު ކޮށްދިނީ މެޗްގެ ފުރަތަމަ ހާފުގައި އަބްދުﷲ ވަހީދު )ބިންމާ( އެވެ. ދެ ވަނަ ހާފުގައި މާޒިޔާއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިސްމާއިލް މަހިފޫޒް )އިންމަ( އެވެ.
އެފްއޭއެމް އިން 2009 ވަނަ އަހަރު ތައާރަފްކުރި މުބާރާތުގައި މި އަހަރު އަށް ޓީމު ވާދަކުރެ އެވެ. އެގޮތުން މުބާރާތް ދެ ގުރޫޕަކަށް ބަހާލައިފައިވާއިރު، ގްރޫޕް އެކެއްގައި ހިމެނެނީ ވެލެންސިއާ އާއި މާޒިޔާއާ ވީބީ ސްޕޯޓްސް އަދި އޯލް ޔޫތު ލިންކޭޖް )އޭވައިއެލް( އެވެ. ގުރޫޕް ދޭއްގައި ހިމެނީ ވިކްޓަރީ އާއި ނިއު ރޭޑިއަންޓާއި ކްލަބް އީގަލްސް އަދި ޕޮލިސް ކްލަބެވެ.
އަންނަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މުބާރާތުގައި ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމުގެ އިތުރުން ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމާއެކު ޖުމްލަ ފަސް ޓީމު ދެ ވަނަ ބުރަށް ދާނެ އެވެ. އަދި ދެ ވަނަ ބުރުގައި ލީގު އުސޫލުން ފަސް ޓީމު ކުޅެ ސެމީ ފައިނަލަށް ދާނީ ގަދަ ހަތަރު ޓީމެވެ.
މިމުބާރާތުގައި މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ދެ ޓީމަކީ ވިކްޓަރީ އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.