22 Oct 2017, 18:03
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ކ. ގާފަރު، ރ. އިނގުރައިދޫ އަދި ގއ. ނިލަންދޫ ކުޅުނު ދެ ވަނަ މެޗު ވެސް ކާމިޔާބު ކޮށްފި އެވެ.
މާފަންނު ވެލިދަނޑުގައި ކުރިއަށްދާ އެ މުބާރާތުގެ ކ. އަތޮޅުގެ ފުރަތަމަ މެޗުގައި ގާފަރާއި ގުޅި ބައްދަލުކުރި މެޗު 1-4 އިން ކާމިޔާބުކޮށް ޒޯން ބުރާ ގާތަށް ޖެހިލީ ގާފަރެވެ. އެ މެޗުގައި ގާފަރުގެ ދެ ލަނޑު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ނާސިހް އެވެ. އަނެއް ލަނޑުތައް ޖަހައިދިނީ މާއިޝް އާއި ސާމިން އެވެ. ގުޅީގެ ހަމައެކަނި ލަނޑު ޖަހައި ދިނީ އަސްވާރު އިބްރާހިމް އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތެރެއިން: ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖު"ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 50 ޓީމު ބައިވެރިވެފައިވޭ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ކ. އަތޮޅުގެ އަނެއް މެޗުގައި ބައްދަލުކުރީ ގުރައިދޫ އާއި ހިންމަފުށްޓެވެ. އެ މެޗު 1-4 އިން ކަމިޔާބު ކުރީ ގުރައިދޫ އެވެ. އެ މެޗުގައި ގުރައިދޫގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އަހުމަދު ނޫމާނެވެ. އަނެއް ދެ ލަނޑު ޖަހައިދިނީ އަހުމަދު ނިމާލް އާއި އަހުމަދު ނިޔާފެވެ. ހިންމަފުށީގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޔާސިރު ރަގީބެވެ.
ރޭ ކުޅުނު ގއ. އަތޮޅުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ނިލަންދޫ އާއި ދާންދޫ އެވެ. އެ މެޗު 0-1 އިން ކާމިޔާބުކުރީ ނިލަންދޫ އެވެ. އެ މެޗުގެ ހަމައެކަނި ލަނޑު ނިލަންދުއަށް ޖަހައިިދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ހުސެއިން މައުރޫފެވެ.
ގއ. އަތޮޅުގެ އަނެއް މެޗުގައި ބައްދަލުކުރީ ކޮނޑޭ އާއި ކަނޑުހުޅުދޫ އެވެ. އެ މެޗު 1-2 އިން ކާމިޔާބުކުރީ ކަނޑުހުޅުދޫ އެވެ. ކަނޑުހުޅުދޫގެ ދެ ލަނޑު ޖަހައިދިނީ އަންވަރު އާއި އަންމަރެވެ. އަދި ކޮނޑޭގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަހުމަދު ނާޝިދެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަންވަރެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތެރެއިން: ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖު"ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 50 ޓީމު ބައިވެރިވެފައިވޭ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މުބާރާތުގެ މ. އަތޮޅުގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ރަތްމަަންދޫ އާއި ކޮޅުފުށްޓެވެ. އެ މެޗު 2-4 އިން ކާމިޔާބު ކުރީ ކޮޅުފުށްޓެވެ. އެ މެޗުގައި ކޮޅުފުށީގެ ހަތަރު ލަނޑު ޖަހައިދީފައި ވަނީ މޫސާ ޒާހިރާއި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އާދަމް ނަސީމާއި މީޝަގް އަހުމަދު އަދި މުހައްމަދު ސީޖީ އެވެ. އަދި ރަތްމަންދޫގެ ދެ ލަނޑު ޖަހައިދިނީ ބަޑޭ އެވެ.
މ. އަތޮޅުގެ ދެ ވަނަ މެޗުގައި މަޑުއްވަރީ އާއި ދިއްގަރު ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ.
ރޭ ކުޅެވުނު ރ. އަތޮޅުގެ ފުރަތަމަ މެޗުގައި އަލިފުށި ވަނީ މަޑުއްވަރީގެ މައްޗަށް 2-7 އިން ކުރި ހޯދައިފަ އެވެ. އެ މެޗުގައި އަލިފުށީގެ ހަތް ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައިދިނީ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އިސްމާއިލް މަމްދޫހެވެ. އަނެއްް ލަނޑުތައް ޖަހައިދިނީ ފުރުގާން، ވިޖްދާން، ޝީހިދް އަދި ރީޝަމެވެ. މަޑުއްވަރީގެ ދެ ލަނޑު ޖަހައިދިނީ އަރިޝާދް އަދި ނިޝާމް އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތެރެއިން: ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖު"ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 50 ޓީމު ބައިވެރިވެފައިވޭ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ރ. އަތޮޅުގެ ފަހު މެޗުގައި އިނގުރައިދޫ ވަނީ ދުވާފަރުގެ މައްޗަށް 3-2 އިން ކުރި ހޯދައިފަ އެވެ. އިނގުރައިދޫގެ ތިން ލަނޑު ޖެހީ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަހުމަދު އައިހަމް އެވެ. ދުވާފަރުގެ ލަނޑުތައް ޖަހައިދިނީ ހުނައިފް އާއި އަފުރާހު އެވެ.
މިއަހަރު އެ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ދޭ ފައިސާގެ އިނާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 65،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މިދިޔަ އަހަރު ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.