02 Aug 2011, 11:22
ރޯދަމާ ދިމާކޮށް، ކާބޯތަކެތީގެ ގިނަ ބާވަތްތަކެއްގެ އަގު ވިޔަފާރިވެރިން ބޮޑުކޮށްފި އެވެ. ކުދި ވިޔަފާރިވެރިން ބުނީ އެމީހުން ވިއްކާ ބާވަތްތަކުގެ އަގު ބަދަލުކުރީ ހޯލްސޭލަރުން ތަކެތީގެ އަގު ބަދަލުކުރީމުން ކަމަށެވެ.
ކާބޯތަކެތީގެ ބައެއް ތަކެތީގެ އަގުތައް މިއަދު ހުރި ގޮތަށް ބަލާ އިރު، ރޯދަ މަސް ފެށުމުގެ ކުރިން 40 ރުފިޔާ އަށް ހުރި، 900 ގްރާމްގެ ކުކުޅެއްގެ އަގު ވަނީ 47 ރުފިޔާ އަށް ބަދަލުވެފަ އެވެ. އަދި ރޯދަ މަސް ފެށުނު އިރު، 47 ރުފިޔާ އާއި 50 ރުފިޔާ އާ ދެމެދުގެ އަގުތަކުގައި ހުރި އެއް ކިލޯގެ ކުކުޅެއްގެ އަގު މިއަދު ވަނީ 52 ރުފިޔާ އަދި 56 ރުފިޔާ އަށް އުފުލިފަ އެވެ. އަދި ކުރިން 62 ރުފިޔާ އަށް ހުރި 1400 ގްރާމްގެ ކުކުޅެއްގެ އަގު ވަނީ 72 ރުފިޔާ އަށް އުފުލިފަ އެވެ.
އަގު ބޮޑުވެފައިވާ އެހެން ބައެއް ތަކެތީގެ ތެރޭގައި ކެބެޖް، ޓޮމާޓޯ، މިރުސް، ލިނބޯ، ކިއުކަމްބާ، ދޮންކެޔޮ، ބިސް، ވަޅޯމަސް، އަދި ރޯމަސް ހިމެނެ އެވެ.
ކެބެޖްކިލޯއެއް ރޯދައިގެ ކުރިން 25 ރުފިޔާ އަށް ހުރި އިރު މިހާރު ހުރީ 70 ރުފިޔާ އަށެވެ. ޓޮމާޓޯ ކިލޯއެއް ކުރިން 25 ރުފިޔާ އަށް ހުރި އިރު މިހާރު 10 ރުފިޔާ އަގުބޮޑުވެ، ޓޮމާޓޯ ކިލޯއެއްގެ އަގު ހުރީ 35 ރުފިޔާގަ އެވެ.
ކުރިން 15 ރުފިޔާ އަށް ހުރި ކިއުކަމްބާ ކިލޯއެއްގެ މިހާރުގެ އަގަކީ 30 ރުފިޔާ އެވެ. އަދި ދޮންކެޔޮ ވަކެއް ކުރިން 2 ރުފިޔާ އަށް ހުރި އިރު ދޮންކެޔޮ ވަކެއް މިހާރު ލިބެނީ 4، 5ރުފިޔާ އަށެވެ. ރޯމަސް ކިބައެއް ކުރިން 35 ރުފިޔާ އަށް ލިބުނުކަމުގައި ވިޔަސް މިހާރު ލިބެނީ 85 ރުފިޔާ އަށެވެ.
އެންމެ ބޮޑު ބަދަލެއް އަގަށް އައިސްފައި ވަނީ ރޯމިރުހުންނެވެ. އެގޮތުން އިންޑިޔާ އިން އެތެރެކުރާ ރޯމިރުސް ކިލޯއެއް ރޯދައިގެ ކުރިން 70 ރުފިޔާ އަށް ލިބުނު ކަމަށް ވިޔަސް މިހާރު ލިބެނީ 380 ރުފިޔާ އަށް ކަމަށް ކުދި ފިހާރަތަކުން ބުންޏެވެ.
ކޮންޓްރޯލެއް ނެތި ކާބޯތަކެތީގެ އަގުތައް އުފުލުމުގެ މައިގަނޑު ސަބަބަކީ، ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި، ޑޮލަރުގެ އަގު ބާޒާރުގައި ހަމައަކަށް ނޭޅުމެވެ.