22 Oct 2017, 16:32
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހިންގުން ހަރުދަނާކޮށް ކުންފުނީގެ ވަސީލަތްތައް އިތުރަށް ފުރިހަމަކުރުމަށް ޓަކައި ވާޗުއަލް ނެޓްވާކެއް ގާއިމުކޮށް ލީޒްޑް ލައިން އެޅުމުގެ އެއްބަސްވުމެއްގައި އުރީދޫ މޯލްޑިވްސް އާއެކު ސޮއިކޮށްފި އެވެ.
މިއަދު އެމްޕީއެލްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް އެވެ. އަދި އުރީދޫގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫގެ ސީއޯއޯ ނަޖީބް ހާން އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ސީއީއޯ ހަލީމް ވިދާޅުވީ، އުރީދޫއާ އެކު ވެގެންދިޔަ އެއްބަސްވުމުގެ ސަބަބުން އެ ކުންފުނީގެ ވަސީލަތްތައް އިތުރަށް ފުރިހަމަވެ، އެ ކުންފުނީގެ ކަނެކްޓިވިޓީ ހަތުދަނާކުރެވިގެންދާނެ ކަމަށެވެ.
އެމްޕީއެލްއަކީ މާލޭގެ އިތުރުން ރާއްޖޭގެ އެހެނިހެން ހިސާބުތަކުގައި ވެސް ހިދުމަތްދެމުން އަންނަ ކުންފުންޏެއްކަމަށާއި އެ އެއްބަސްވުމުގެ ސަބަބުން ހުރިހާ ސަރަހައްދުތަކެއް ވާޗުއަލް ނެޓްވާކަކުން ގުޅާލެވިގެންދާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.
"އުރީދޫއާ ގުޅިގެން، ބަސްތަކާއި ފެރީތަކުގައި ޓްރެކިން ސިސްޓަމް ހަރުކޮށް، ރައްޔިތުންނަށް މޯބައިލް ހިދުމަތް ބޭނުންކޮށް ބަސްތައް ހުރި ސަރަހައްދުތަކާއި ޓްރެކް ކުރެވޭނެ ވަސީލަތް ގާއިމް ކުރެވިގެންދާނެ،" ހަލީމް ވިދާޅުވި އެވެ.
އެއްބަސްވުމާ ބެހޭ ގޮތުން އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ، އެ އެއްބަސްވުމުގެ ސަބަބުން މުވައްޒަފުންނަށް ފަސޭހަ ހައްލުތަކެއް ހޯދައިދެވިގެންދާނެ ކަމަށެވެ. އެގޮތުން، ވާޗުއަލް ނެޓްވާކް، ޓްރެކިން އަދި ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ދެވިގެންދާނެ ކަމަށް ނަޖީބް ވިދާޅުވި އެވެ.
ނަޖީބް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް އެމްޕީއެލްގެ މުވައްޒަފުންނަށް ޓެކްނޮލޮޖީގެ ދާއިރާއިން ފަސޭހަތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އުރީދޫ ވާނީ އެމްޕީއެލްގެ ޓެކްނޮލޮޖީ ޕާޓްނަރަށް ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.