22 Oct 2017, 15:06
އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ވ. ފުލިދޫ ވައިޖެހޭގޭ މުހައްމަދު އިބްތިހާލުގެ މަރާ ގުޅިގެން އޭނާގެ މަންމަގެ މައްޗަށް ކުރި ދައުވާ، އަށް މަސް ފަހުން މާދަމާއަށް ޝެޑިއުލް ކޮށްފި އެވެ.
އާފިޔާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ގަސްތުގައި ކުއްޖަކު މަރާލުމުގެ ދައުވާ އެވެ.
އެމައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މިއަހަރު މާޗު މަހުގެ ދެވަނަ ދުވަހު އެވެ. މީގެ ކުރިން ޝަރީއަތުގެ މަޖިލީސްތަކުގައި އާފިޔާ ވަނީ އިބްތިހާލް މަރާލިކަމަށް އެއްބަސްވެފައެވެ.
އާފިޔާ ބުނެފައި ވަނީ އޭނާގެ މަންމަ ކައިރިން ދަރިފުޅު އޭނާގެ ކައިރިއަށް ބަދަލު ކުރި ދުވަހުން ފެށިގެން އަނިޔާ ކުރި ކަމަށާއި އަނިޔާ ކުރީ "އެއީ ބައްޕަ ނެތް ކުއްޖަކަށް ވާތީ" ކަމަށެވެ. އަދި ރުޅި އަންނަ ކޮންމެ ފަހަރަކު އިބްތިހާލަށް އަނިޔާ ކުރާ ކަމަށް ކުރީގެ ޝަރީއަތުގެ މަޖިލީހުގައި އާފިޔާ ވަނީ ބުނެފައެވެ.
އެމައްސަލައިގައި މިހާރު ކުރިއަށް ދަނީ ހެކިންގެ ހެކިބަސް ނެގުމެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ނަގާފައިވަނީ އިބްތިހާލު ބެލި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުގެ ހެކިބަހެވެ.
އެދުވަހު ޝަރީއަތުގެ މަޖިލީހުގައި އެ ޑޮކްޓަރު ބުނެފައިވަނީ އިބްތިހާލުގެ އަނގައިގެތެރެއިން ހަންގަނޑު ހުރީ އިރައިގެންގޮސްފައި ކަމަށާއި، އެކަހަލަކަމެއް ވާނީ އަނިޔާ ކުރުމުން ކަމަށެވެ.
ޑރ. އައްބާސާ ހާމިދު ވިދާޅުވީ އިބްތިހާލަށް އެކި ދުވަސްމަތިން ބޮޑެތި އަނިޔާތަކެއް ކޮށްފައިވާކަން އޭނާގެ ހަށިގަނޑުން އެނގެން ހުރިކަމަށެވެ.
އެގޮތުން އިބްތިހާލުގެ އަނގަތެރެއަށްވެސް ބޮޑެތި އަނިޔާތަކެއް ވެފައިވާކަން ޑޮކްޓަރު ފާހަގަކުރި އެވެ. އަނގައިން ހަންގަނޑު އިރައިގެން ގޮސްފައި ހުރުމާއި ގިނަ އަދަދަކަށް ޒަޚަމްތަކެއް ލިބިފައިހުރި ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.