ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ސިއްރު ދެ ހެކިން ހުށަހަޅައިފި އެވެ.

މިއަދު 11:30ގައި ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައި ދައުލަތުން ވަނީ ސިއްރު ދެ ހެކިންގެ އިތުރުން ސިވިލް ކޯޓުގެ ހުކުމަކާއި، އިލެކްޝަންސް ކޮމިޝަނުގެ ސިޓީ އެއްގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ފުލުހަށް ފޮނުވާފައިވާ ސިޓީއެއް ވަނީ ހުށަހަޅައިފައެވެ.

ސިއްރު ދެ ހެކިން ހުށަހެޅުމުން، ސިއްރު ހެކި ހުށަނޭޅޭނެ ކަމަށާއި، އެ ފުރުސަތު ދައުލަތުން ދޫކޮށްލާފައިވާކަމަށް ބުނެ ފާރިސްގެ ފަރާތުން ވަނީ އިޖުރާއީ ނުކުތާއެއް ނަންގަވައިފައެވެ. ފާރިސްގެ ފަރާތުން އޭނާގެ ވަކީލު ވިދާޅުވީ، ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން ސިއްރު ހެއްކެއް ހުށަހަޅަން ބޭނުންނަމަ އެކަން ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ކަންކަމުގެ ތެރޭގައި ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ދައުލަތުން ހެކި ސިއްރު ކުރި ސަބަބު ކަމުގައި ވިދާޅުވީ، އިގްތިޞާދީ ބޮޑު ގެއްލުމެއް އެ ދެ މީހުންނަށް ލިބިދާނެތީ ކަމަށެވެ.

ދައުލަތުން ހުށަހެޅި ސިއްރު ދެ ހެކިންނަކީ، މާޗް މަހުގެ 22 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ތިބި ދެ މީހުން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އަދި އެ ދެމީހުން ހެކީގެ ގޮތުގައި ހުށަހެޅީ، ފާރިސް ވާހަކަ ދައްކާފައިވަނީ ފާރިސް އަކީ ޕީޕީއެމްގެ މެމްބަރެއްކަމަށް ސިފަވާ ގޮތަށް ކަމަށް ސާބިތު ކުރުމަށެވެ.

ސިއްރު ހެކިން ހުށަނޭޅޭނެ ކަމަށް ފާރިސްގެ ފަރާތުން ވިދާޅުވުމުން، ގާޒީ އިބްރާހިމް އަލީ ވިދާޅުވީ، ހެކިބަސް ނަގާ މަޖިލީހުގައި ހެކިބަސް ނަގާނީ ސިއްރުންތޯ ނުވަތަ ނޫންތޯ ނިންމާނެ ކަމަށެވެ.

ހެކީގެ ގޮތުގައި ދެން ހުށަހަޅާފައިވަނީ، ސިވިލް ކޯޓުން ޕާޓީގެ ހިންގުން އެ ޕާޓީގެ މުސްތަޝާރާ ހަވާލު ކުރުމަށް ކުރި ހުކުމެވެ. އޭގެ އިތުރުން ހުށަހަޅާފައިވަނީ، އިލެކްޝަންސް ކޮމިޝަނުން، ފާރިސް މައުމޫން ޕީޕީއެމުން ވަކިކޮށްފައިވާކަން އަންގައި ފޮނުވާފައިވާ ސިޓީއާއި، އަބްދުއްރަހީމް އަބްދުﷲ ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާ ސިޓީ އެވެ.

އަބްދުއްރަހީމްގެ ސިޓީ އަކީ، ފާރިސް މައުމޫން ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރީ އެ ޕާޓީގެ ހުއްދަ ނެތި ކަމަށް ބުނެ ފޮނުވާފައިވާ ސިޓީ އެެކެވެ.

ދައުލަތުން ހެކި ހުށަހެޅުއްވުމުން ފާރިސްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ، އަބްދުއްރަހީމް އަބްދުﷲ ފުލުހަށް ފޮނުވި ސިޓީ އާއި އިލެކްޝަންސް ކޮމިޝަނުގެ ސިޓީ ބަލައި ނުގަންނާނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ، އަބްދުއްރަހީމް އަބްދުﷲ ފުލުހަށް ފޮނުވާފައިވާ ސިޓީ ފޮނުވާފައިވަނީ، ޕީޕީއެމްގެ ނައިބު ރައީސްގެ ހައިސިއްޔަތުން ކަމަށާއި، އެހެން ނަމަވެސް އޭނާ އަކީ، 2016 ވަނަ އަހަރުގެ އޮކްޓޯބަރު 15 ވަނަ ދުވަހު ޕީޕީއެމްގެ ނައިބު ރައީސް ކަމުން ވަކިކޮށްފައިވާ މީހެއް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ސިޓީ ބަލައި ނުގަންނަނީ، ޕީޕީއެމުން ފާރިސް ވަކި ކުރުމަށް ނިންމި ނިންމުމަކީ، ފާރިސްގެ ނުރުހުމުގައި ނިންމި ނިންމުމެއް ކަމަށް ބުނެ އެވެ.

މީގެ ކުރިން ބޭއްވި ޝަރީއަތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ހަދަން ޖެހޭ ގަވާއިދުތައް ހަދާފައި ނުވާތީ ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، ފާރިސްގެ ވަކީލު މައުމޫން ހަމީދު ވަނީ އިޖުރާއީ ނުކުތާއެއް ނަންގަވައިފައެވެ. އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ، މަތީ ކޯޓަކުން ޝަރީއަތްތައް ހުއްޓާލުމަށް އަމުރެއް އައިސްފައި ނުވާ ކަަަމަށެވެ. އެހެން ކަމުން ޝަރީއަތް ކުރިއަށް ގެންދަނީ ޖިނާއީ އިޖުރާތުގެ ގާނޫނާ ހިލާފަށް ކަމަށް ނުދެކޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

ދިފާއުގައި ހެކި ހުށަހެޅުމަށް ތިން ދުވަހުގެ ފުރުސަތެއް ދީފައިވާއިރު، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހެކިބަސް ނެގުން ކަމުގައި ގާޒީ ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ދެން އެ މައްސަލައިގެ ޝަރީއަތެއް އޮންނާނެ ތާރީހެއް ގާޒީ ވިދާޅެއް ނުވެއެވެ.