02 Aug 2011, 10:43
ޗެމްޕިއަންސް ލީގު ފައިނަލްގެ ހިތި ނަތީޖާގެ ނުވަ ހަފްތާއަށް ފަހު ވޯލްޑް ފުޓްބޯލް ޗެލެންޖްގައި މެންޗެސްޓާ ޔުނައިޓެޑުން ބާސެލޯނާގެ މައްޗަށް ކުރި ހޯދައިފި އެވެ. މެންޗެސްޓާ ޔުނައިޓެޑް މިމެޗް ކާމިޔާބުކުރީ 2-1 ންނެވެ.
އެމެރިކާގެ ވޮސިންގްޓަން ޑީސީ ސްޓޭޑިއަމްގައި މެންޗެސްޓާ ޔުނައިޓެޑާއި ބާސެލޯނާ ބައްދަލުކުރި މެޗް ކުޅެމުންދިޔައީ 81,807 ސަޕޯޓަރުންގެ ކުރިމަތީގަ އެވެ. މިމެޗްގައި ދެ ޓީމުން ވެސް ޒުވާން ކުޅުންތެރިންތަކެއްގެ ބޭނުން ހިފައިފާވެ އެވެ. އެގޮތުން ބާސެލޯނާގެ ތިއާގޯ އަލްކެންޓަރައާއި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ޑެނީ ވެލްބެކް ފާހަގަކޮށްލެވެ އެވެ.
މިމެޗްގައި ބާސެލޯނާ އިން ކުޅެމުންދިޔައީ އެމީހުން އާންމުންކޮށް ކުޅެމުންދާ ޕާސިންގް ގޭމެވެ. ނަމަވެސް އެއާ ޚިލާފަށް މެންޗެސްޓާ ޔުނައިޓެޑުން ދިޔައީ ބާސެލޯނާގެ ފަހަތަށް އަވަސްގޮތެއްގައި ބާރުބޮޑުކޮށް ކައުންޓާ އެޓޭކް ހަދަމުންނެވެ. ނަތީޖާއެއްގެގޮތުން މެންޔޫއިން ކާމިޔާބުކުރި ދެލަނޑުވެސް ކާމިޔާބުކޮށްފައި ވަނީ ދެކައުންޓާ އެޓޭކުންނެވެ.
މެޗްގެ 22 ވަނަ މިނެޓްގައި މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ހަލުވި ފޯވާޑް ޑެނީ ވެލްބެކްދިން ރީތި ބޯޅައަކުން ޕޯޗުގަލް ތަރި ނާނިވަނީ މެންޔީއަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދީފަ އެވެ. ފުރަތަމަ ހާފް ނިމުމުގެކުރިން ނަތީޖާ ހަމަހަމަކުރެވޭތޯ ބާސެލޯނާ އިން މަސައްކަތްކުރި ނަމަވެސް އެކަމުގެ ހުރަހަކަށްވެގެން ދިޔައީ މެންޗެސްޓާގެ ޑިފެންސާއި 18 މިލިޔަން ޕައުންޑަށް އެކްލަބާއި އަލަށް ގުޅުނު ޒުވާން ގޯލް ކީޕަރު ޑޭވިޑް ޑިޖިއާ އެވެ.
މެޗްގެ 70 ވަނަ މިނެޓްގައި ބާސެލޯނާއިން ވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އެކްލަބަށް އޯޑިކަޕް ހޯދައދިނުމުގައި އިސްދައުރެއް އަދާކޮށްދިން އަރަމުންދާ ޒުވާން ތަރި ތިއާގޯ އަލްކެންޓަރަ އެވެ. ތިއާގޯ މިލަނޑު ކާމިޔާބުކޮށްފައި ވަނީ ޕެނަލްޓީ އޭރިޔާ ބޭރުން އުފެއްދި ބާރު ހަމަލާއަކުންނެވެ.
1-1ގެ ނަތީޖާގައި ބާސެލޯނާއަށް ހިފަހައްޓާލެވުނީ އެންމެ ހަ މިނެޓަށެވެ. ޓޮމް ކްލެވަލީގެ ބޯޅައަކުން މެންޗެސްޓަރ ޔުނައިޓެޑަށް އަލުން ލީޑް ހޯދައިދިނީ ތަޖުރިބާކާރު ފޯވާޑް މައިކަލް އޮވެންއެވެ. 2-1 މިނަތީޖާއާއެކު މެންޔޫ މޮޅުވެގެން މެޗް ނިންމާލުމުން ގިނަ ބަޔަކު ފާހަގަކުރަނީ މިއީ ބާސެލޯނާއަށް ބަދަލުހިފުމުގެ ގޮތުން ނެރުނު ނަތީޖާއެއްކަމެވެ.