10:00


ރާއްޖޭގައި ކުރިއަށްދާ ތާލިބާނުންގެ ސުލްހައިގެ މަޝްވަރާތަކަށް ތާއީދުނުކުރާ ކަމަށާއި، އެ މަޝްވަރާތަކުގައި އަފްގާނިސްތާނު ސަރުކާރުގެ ފަރާތުން އެއްވެސް މަންދޫބަކު ބައިވެރިނުވާ ކަމަށް އަފްގާނިސްތާނުގެ ސަރުކާރުން ބުނެފި އެވެ.


އަފްގާނިސްތާނުގެ ރިޔާސީ ތަރުޖަމާނު ވަހީދް އުމަރާ ހަވާލާދެއްވާ، އޭއެފްޕީން ބުނެފައިވަނީ، ތާލިބާނުންގެ އެ މަޝްވަރާތަތަކަކީ ނަތީޖާއެއް ނެރެވޭނެ ވާހަކަތަކެއް ނޫން ކަމަށާއި ރައީސް ހާމިދު ކަރްޒާއީ އެ މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ދެކޮޅުހައްދަވާފައިވާ ކަމަށެވެ. އަދި ތާލިބާނުންގެ އެ މަޝްވަރާ ބައްދަލުވުމުގެ މައުލޫމާތު ކުރިން ލިބިފައިވީ ނަމަވެސް، ސަރުކާރުގެ އެއްވެސް މަންދޫބަކު އެ ވާހަކަތަކުގައި ބައިވެރިނުވާކަން ވަހީދު އުމަރު ވަނީ ކަށަވަރު ކޮށްދެއްވައިފައި ކަމަށްވެސް އޭއެފްޕީން ބުނެ އެވެ.


އަފްގާނިސްތާނު ސަރުކާރުގެ އެއްވެސް މަންދޫބަކު އެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިނުވާ ވާހަކަ ފެންމަތިވެފައި މިވަނީ، ރާއްޖޭގައި އިއްޔެ ފެށި ތާލިބާނުންގެ މަޝްވަރާތަކުގައި އަފްގާނިސްތާނު ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވާ ކަމަށް ދިވެހި ސަރުކާރުން ބުނިތާ 24 ގަޑިއިރުވެސް ނުވަނީހެވެ.


ހިޒްބުލް އިސްލާމީ ޕާޓީގެ ލީޑަރު ޖަރީރު ހިކުމަތުޔާރު އިސްކޮށް ހުންނަވައިގެން އިންތިޒާމްކުރި މި މަޝްވަރާތަކުގައި 45 ޑެލިގޭޓުން ބައިވެރިވެވަޑައިގަންނަވަ އެވެ.


މި މަޝްވަރާތަކުގައި ދިވެހި ސަރުކާރުން ބައިވެރިނުވާކަން ހާމަކޮށް، ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު އިއްޔެ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، މަޝްވަރާތަކުގައި ބައިވެރިވާ މަންދޫބުންނަކީ، ޞައްޙަ ޕާސްޕޯޓް އޮތް، އަދި އ.ދ.ގެ އެއްވެސް ބްލެކް ލިސްޓެއްގައި ނުވަތަ އެހެންވެސް ބައިނަލްއަޤްވާމީ ބްލެކް ލިސްޓެއްގައި ނަން ހިމެނިފައި ނުވާ މަންދޫބުން ކަމަށެވެ. އަދި  ރާއްޖޭގެ ސަލާމަތާބެހޭ ފަރާތްތަކަށާއި އިންޓެލިޖެންސް އެޖެންސީތަކަށް މިކަމާ ބެހޭ މަޢްލޫމާތު ސަރުކާރުން ދެއްވާފައިވާ ކަމުގައިވެސް ޕްރެސް ސެކްރެޓަރީ ވަނީ ވިދާޅުވެފަ އެވެ.


ތާލިބާނުންގެ ބައްދަލުވުން ކުރިއަށްދަނީ ކޮން ތަނެއްގައި ކަން ސަރުކާރުން ހާމަކޮށްފައިނުވާ ނަމަވެސް ބައެއް މީޑިއާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެ ބައްދަލުވުން ކުރިއަށްދަނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގަ އެވެ.