ވޮޝިންގްޓަން (21 އޮކްޓޫބަރު 2017) -- އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީ އަވަހާރަކޮށްލި ހާދިސާގެ ތަހުގީގުގެ އެންމެ ފަހުގެ ލިޔެކިއުންތައް އާއްމުކުރައްވަން ނިންމަވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް ވިދާޅުވެއްޖެ އެވެ.

އިއްޔެ ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒަމާންތަކެއްވަންދެން ހިފަހައްޓާފައިވާ ޖޭއެފްކޭގެ ފައިލްތައް އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން އާންމުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ބަޑިޖަހައި ކެނެޑީ އަވަހާރަކޮށްލާފައި ވަނީ އެމެރިކާގެ ޓެކްސަސްގެ މަގެއްގެ މަތީން، މަތި ނެތް ކާރެއްގައި ދަތުރު ކުރައްވަމުން ދަނިކޮށް 1963 ވަނަ އަހަރު އެވެ.

ކެނެޑީ އަވަހާރަކޮށްލި ހާދިސާގެ ތަހުގީގުގެ ލިޔެކިއުންތައް ސިއްރުކޮށްފައި ބަހައްޓަން އެމެރިކާގައި 1992 ވަނަ އަހަރު ފާސްކުރި ގާނޫނަކުން ކަނޑައަޅާފައި ވަނީ 25 އަހަރަށެވެ. އެ މުއްދަތު ހަމަވަނީ މި މަހު 26ވާ ބުރާސްފަތި ދުވަހަށެވެ.

ނަމަވެސް އެ މުއްދަތު ހަމަވިއަސް، އެ ލިއުންތައް ހިފެހެއްޓުމުގެ އިހުތިޔާރު އެމެރިކާގެ ރައީސްއެއްގެ ހައިސިއްޔަތުން ޓަރަމްޕް އަށް ލިބިގެންވާ ކަމަށް ނިއުޔޯކް ޓައިމްސް އިން ބުންޏެވެ. އަދި އިންޓަލިޖެންސް އެޖެންސީތަކުން ބާރުއަޅަނީ އެ ލިއުންތަކުގެ ތެރެއިން މަދުވެގެން ބައެއް ހިފިހެއްޓުމަށެވެ. އެ ޖެންސީތަކުން ދެކޭ ގޮތުގައި އެ ލިއުންތައް އާންމުކޮށްފި ނަމަ އެމެރިކާގެ ގައުމީ ސަލާމަތަށް އެކަމުން ގެއްލުން ލިބޭނެ އެވެ.

ވައިޓް ހައުސް އިން ނޫސްވެރިންނަށް ދިން ލިއުމަކުން އެނގޭ ގޮތުގައި އެ ލިއުންތަކުގެ ތެރެއިން ބައެއް ޓްރަމްޕް ހިފެހެއްޓުމަކީ އެކަށީގެންވާ ކަމެކެވެ.

ކެނެޑީ އަވާހަކޮށްލި ހާދިސާ ހިނގި ގޮތް ހޯދިފައި ނުވަނީ އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އާއި ތަހުގީގީ އިދާރާ އެފްބީއައި އިން އެއްކުރި މައުލޫމާތުތައް ހިމެނޭ ލިޔެކިއުންތައް ސިއްރުކޮށްފައި ހުރުމުންނެވެ. ނަމަވެސް ލިއުންތެރިންނާއި މުސައްނިފުން ބުރަވާ ގޮތުގައި އެ ލިއުންތައް އާންމު ކުރިއަސް، އޮޅުން ބޮޅުމުގެ ތެރޭގައިވާ، ކެނެޑީ އަވަހާރަކޮށްލި ގޮތް ހޯދުމަކީ ވުމަށް ވުރެ، ނުވުން ދުރުގައި އޮތް ކަމެކެވެ. އެ މީހުން ދެކޭ ގޮތުގައި އާ ލިއުންތަކުން ފަހުގެ ޖެނެރޭޝަންގެ މީހުން އިތުރަށް މަގުއޮޅުން ނޫން ކަމެއް ނުވާނެ އެވެ.

ވޮރަން ކޮމިޝަންގެ 1964ގެ ހޯދުންތަކުން ބުނަނީ ކެނެޑީ އަވަހާރަކޮށްލީ ލީ ހާވޭ އޮސްވާލްޑް އެކަނި ކަމަށެވެ.

ކެނެޑީ އަވަހާރަކޮށްލުމާ ގުޅޭ ގޮތުން ފޮތް ލިއުންތެރިން ލިޔެފައިވާ ބައެއް ފޮތްތަކުގައި "މިސްޓީރިއަސް" ޗެޕްޓާއެއްގެ ގޮތުގައި ލިޔެފައިވާ ޗެޕްޓާގައި ބުނެފައި ވަނީ ކެނެޑީ އަވަހާރަކޮށްލުމުގެ މަދު ހަފުތާތަކެއް ކުރީން އޮސްވާލްޑް މެކްސިކޯ ސިޓީ އަށް ހަ ދުވަހުގެ ދަތުރެއް ކުރި ކަމަށެވެ. އަދި އެ ދަތުރުގައި ކިއުބާ އާއި ސޮވިއަޓްގެ ޖާސޫސީ މީހުންނާ ބައްދަލު ކުރި ކަމަށެވެ.