02 Aug 2011, 10:01
ރަމަޟާން މަހުގެ ރޯދައަށް ހުރުމުގައި ތިމާގެ ނަފުސުގައި އެކުލެވިފައިވާ ޝައިޠާނީ ބާރުތަކުގެ މައްޗަށް ގަދަވެގެންނަން ޖެހެއެވެ. ކެތްތެރިކަން ކުރިއަށް ނެރެން ޖެހެއެވެ. ތިމާގެ ދެލޯ ޙަރާމް ކުރެއްވި މަންޒަރުތަކަށް ބެލުމުން ދުރުހެލި ކުރަން ޖެހެއެވެ. ބެލުންތަކަށް ރައްކާތެރި ވުމުގައި އިސްލާމްދީނުގައި އަންހެނެއް ފިރިހެނެއް ތަފާތެއް ނުކުރައްވައެވެ. ބެލުންތައް ތިރިކުރުމަށް އަންހެނުންނަށް އަމުރު ކުރައްވާފައިވާ ފަދައިން ފިރިހެނުންނަށް ވެސް އަމުރު ކުރެއްވިއެވެ.
މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. "މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖުތައް )އެބަހީ:ޖިންސީ ގުނަންތައް( ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ!" އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. "އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ!" )ނޫރު: 30-31(
ތިމާގެ ބެލުންތަކަށް ރައްކާތެރިވުމުގެ ސަބަބުން އީމާންކަމުގެ ފޮނިމީރުކަން ލިބިގެން ދެއެވެ. ޤިޔާމަތް ދުވަހު ހިތާމަކޮށް ރޯކަށް ނުޖެހެއެވެ. ސުވަރުގެ ލިބޭނެކަމުގެ ޔަޤީންކަން ލިބެއެވެ. ވޭނާއި ކެކުޅުމާއި ޙައިރާން ކަމުން ސަލާމަތްވެއެވެ. ދެލޯ ނަރަކައިން ސަލާމަތްވެއެވެ. ޙަރާމް ކުރެއްވި ތަކެއްޗަށް ބެލުމުން ދުރުހެލިވުމުން، ތިމާގެ ހިތުގެ އަލިކަން އިތުރުވެގެން ދެއެވެ. ޢިލްމާއި މަޢްރިފާގެ ދޮރުތައް ހުޅުވިގެން ދެއެވެ. ޝަހުވަތުގެ ނުބައިބަލިން ހިތް ސާފުވެގެން ދެއެވެ.
ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތަކާއި ދުވަސްތައް ހޭދަ ކުރަމުންދާއިރު މާތް ﷲ ބެލުން ޙަރާމް ކުރައްވާފައިވާ ތަކެއްޗަށާއި ތަންތަނަށް ބެލުމުން ރައްކާތެރިވާން ޖެހެއެވެ. ޙަރާމް ކުރައްވާފައިވާ ތަކެއްޗަށާއި ތަންތަނަށް ބަލައި އެފަދަ ޢަމަލުތައް ކުރާ ކަމުގައިވާނަމަ، ހިފާ ރޯދަޔަކުން ކުރާނެ މަންފަޢައެއް ނެތެވެ. ބަނޑުހައި ހޫނުކަމާއި، ކަރުހިއްކައިގަތުމުގެ ވޭން ފިޔަވައި ލިބޭނެ އެހެން އެއްޗެއް ނެތެވެ.