02 Aug 2011, 09:40
ޕެރިސް (އޮގަސްޓް 2) : ފަރަންސޭސިވިލާތުގައި ފްރީޒް ކޮށްފައިވާ ލީބިޔާ ސަރުކާރުގެ އެތަށް ސަތޭކަ މިލިޔަން ޑޮލަރެއްގެ ތެރެއިން 259 މިލިޔަން ޑޮލަރު ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހާ ހަވާލުކޮށްފިކަން ފަރަންސޭސި ޚާރިޖިއްޔާއިން ހާމަކޮށްފިއެވެ.
ފަރަންސޭސި ޚާރިޖިއްޔާއިން ނެރުނު ބަޔާނެއް ބުނިގޮތުގައި އެޤައުމުގެ ބޭންކްތަކުގައިވާ ލީބިޔާގެ ޒަޢީމް ކާރނަލް މުޢައްމަރުލްގައްޒާފީގެ ސަރުކާރުގެ ފައިސާގެ ތެރެއިން 420 މިލިޔަން ޑޮލަރު ލީބުޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހާ ޙަވާލު ކުރާނެ ކަމަށާ މީގެތެރެއިން 259 މިލިޔަން ޑޮލަރު އިއްޔެ ހަވާލުކުރެވިފައިވާ ކަމުގައެވެ.
މިފައިސާ ޚަރަދު ކުރާނީ ލީބިޔާގެ ރައްޔިތުންނަށް ބޭނުންެފައިވާ އަސާސީ ކަންތައްތައް ފުއްދުމަށްޓަކައި ފަރަންސޭސިވިލާތުގެ ޤާނޫނާއި ޤަވާއިދުގެ އިމުގެ ތެރޭން ކަމަށް އުންމީދު ކުރާ ކަމަށްވެސް ފަރަންސޭސި ޚާރިޖިއްޔާގެ ބަޔާނުގައި ވެއެވެ. ފަރަންސޭސިވިލާތުން ދޫކުރި ލީބިޔާގެ މި 259 މިލިޔަން ޑޮލަރާ ޙަވާލުވީ ޕެރިހުގައި ހުންނަވާ ލީބިޔާގެ އިންތިޤާލީ މަޖިލީހުގެ މަންދޫބު މަންސޫރު ޔުސުފް އައްނަސްރެވެ.
މަންސޫރު ޔޫސުފް ވަނީ މިފައިސާ ލީބިޔާގެ އިންތިޤާލީ މަޖިލީހުގެ އެކައުންޓްތަކަށް ޖަމާވެއްޖެކަން ޚަބަރުފަތުރާ ވަސީލަތްތަކަށް ކަށަވަރުކޮށް ދެއްވާފައެވެ. ޕެރިހުގައި އިއްޔެ ދެއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ މިފައިސާ ބޭނުން ކުރާނީ ލީބިޔާގައި ކުރިޔަށްދާ އަހްލީ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސް ފަދަ އިންސާނީ ވަސީލަތްތައް ފޯރުކޮށް ދިނުމަށް ކަމަށާ ހަތިޔާރު ގަތުންފަދަ ކަންކަމަށް ޚަރަދު ނުކުރާނެކަންވެސް މަންސޫރު ޔޫސުފް ވިދާޅުވިއެވެ. -- ރޮއިޓާސް