22 Oct 2017, 00:19
ހައިރާން ކުރިވަނިވި ގޮތަކަށް އަލަށް ޕްރޮމޯޓްވި ހަޑާސްފީލްޑް ޓައުން އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވުމާ ގުޅިގެން މެންޗެސްޓާ ސިޓީ އަށް ޕްރިމިއަރ ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ލިބެއްޖެ އެވެ.
ހަޑާސްފީލްޑް އަތުން ޔުނައިޓެޑް ބަލިވީ ރަށުން ބޭރުގައި ކުޅެ 1-2 ގެ ނަތީޖާއަކުންނެވެ. މިއީ މި ސީޒަނުގައި ޔުނައިޓެޑް ބަލިވި ފުރަތަމަ މެޗުކަން ފާހަގަ ކޮށްލެވެ އެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ހަޑާސްފީސްޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް ބަލިވީ 2-2 ލަނޑުން --- ފޮޓޯ/ އޭޕީ
ހަޑާލްސްފީލްޑްގެ ދަނޑުގައި މިރޭ ކުޅުނު އެ މެޗުގެ 28 ވަނަ މިނެޓްގައި އެ ޓީމުން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އާރޮން މޯއީ އެވެ. އަދި މެޗުގެ 33 ވަނަ މިނެޓުގައި ލޯރެންޓް ވަނީ އެ ޓީމުގެ ދެ ވަނަ ގޯލު ކާމިޔާބު ކޮށްދީފަ އެވެ. އެ ގޯލަކީ ޔުނައިޓެޑްގެ ޑިފެންޑަރު ވިކްޓާ ލިންޑެލޮފް އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ކާމިޔާބުކުރި ގޯލެކެވެ.
ދެ ގޯލުގެ ލީޑަކާ އެކު ފުރަތަމަ ހާފް ހަޑާސްފީލްޑުން ނިންމާލި އިރު، ދެ ވަނަ ހާފްގައި ޔުނައިޓެޑުން ދިޔައީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ 78 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ ނަގައިދިން ހުރަހަކުން މާކަސް ރަޝްފާޑް ވަނީ ޔުނައިޓެޑްގެ ހަމައެކަނި ގޯލު ކާމިޔާބު ކޮށްދީފަ އެވެ.
މެޗުގެ ފަހު ވަގުތުކޮޅު ތެރޭ ނަތީޖާ އެއްވަރު ކުރުމަށް ޔުނައިޓެޑުން މަސައްކަތް ކުރި ނަމަވެސް އެ ޓީމަށް ވަނީ އެކަން ކާމިޔާބު ކުރެވޭ ގޮތް ނުވެފަ އެވެ.
ޔުނައިޓެޑާއި އެންމެ ވާދަވެރި ސިޓީން ވަނީ ބާންލީ ކޮޅަށް ތިން ލަނޑު ޖަހައި ލީގުގެ އެއް ވަނައިގައި ހަމަޖެހިލައިފަ އެވެ.

މެންޗެސްޓާ ސިޓީ އާއި ބާންލީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވީ 3-0 ލަނޑުން -- ފޮޓޯ/ އޭޕީ
ސިޓީގެ ދަނޑުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ގޯލު އެ ޓީމުން ކާމިޔާބުކުރީ މެޗުގެ 30 ވަނަ މިނެޓުގަ އެވެ. ސިޓީ އަށް ލިބުނު ޕެނަލްޓީއަކުން އެ ގޯލު ކާމިޔާބު ކޮށްދިނީ އަނިޔާ އިން ސަލާމަތްވެ ކުޅުމުގެ ތެރެއަށް އައި ސާޖިއޯ އަގުއެރޯ އެވެ. އެ ގޯލާ އެކު އަގުއެރޯ މިހާރު ވަނީ ސިޓީ އަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑާ އަރާ ހަމަކޮށްފަ އެވެ. އަގުއެރޯ ވަނީ މިހާތަނަށް ސިޓީ އަށް 177 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.
އެ ގޯލާ އެކު ސިޓީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިންމާލި އިރު، ދެ ވަނަ ހާފްގައި ވެސް އެ ޓީމުން ދިޔައީ އިތުރު ގޯލުތަކެއް ކާމިޔާބު ކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ 73 ވަނަ މިނެޓުގައި ސިޓީގެ ދެވަނަ ގޯލު އޮޓެމެންޑީ ކާމިޔާބުކޮށްދިން އިރު، އޭގެ ދެ މިނެޓް ފަހުން އެ ޓީމުގެ ތިން ވަނަ ގޯލު ކާމިޔާބު ކޮށްދިނީ ލެރޯއީ ސާނޭ އެވެ.
އެ މޮޅާ އެކު ލީގުގެ އެއް ވަނައިގައި ސިޓީ މިހާރު އޮތީ 25 ޕޮއިންޓާ އެކު އެވެ. ލީގުގެ ދެ ވަނައިގައި 20 ޕޮއިންޓާ އެކު އޮތީ މިރޭ ބަލިވި މެންޗެސްޓާ ޔުނައިޓެޑެވެ.