އައްޑޫ ސިޓީ، އައްޑޫ ސިޓީ އަކަށް ހަދައިދިނީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ކުރިއަށްދާ އަފިރިންނަސް ތައްޔާރަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާޑު ވިދާޅުވީ، އައްޑޫ ސިޓީ އަށް ކުރިއެރުން ހޯދައިދީ އެ ސިޓީ އަށް ތަރައްގީ ގެނެސްދެއްވީ ރައީސް ޔާމީން ކަމަށެވެ.

"އައްޑޫ ސިޓީ، އައްޑޫ ސިޓީ އަކަށް ވެގެން މިދިޔައީ ރައީސް ޔާމީންގެ މި ތިން އަހަރުގެ ތެރޭގައި، ކޮބާތޯ ފެން، ކޮބާތޯ ނަރުދަމާ، ކޮބާތޯ ތާރު، ކޮބާތޯ ބޮޑުހިލަ؟ ކާކުތޯ މިކަންތައް ގެނެސްދެއްވީ؟ ރައީސް ޔާމީން،" ހުޅުދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

ޝާޑު ވިދާޅުވީ، އައްޑޫ ސިޓީގެ ރައްޔިތުން ތިބީ މި ސަރުކާރާއެކު ކަމަށާއި އެމްޑީޕީގެ ސަރުކާރަށް އައްޑޫ ސިޓީ އިން މެޖޯރިޓީ އަދި މައިނޯރިޓީވެސް ނުލިބޭނެ ކަމަށެވެ.

"ހަމަ ޔަގީނުންވެސް އައްޑޫގެ ރައްޔިތުންނަށް މިލިބޭ އެހީތެރިކަމާއި ހިތްހަމަޖެހުން، މި ލިބެމުން އަންނަ ކުރިއެރުމާއި މި ހުރިހާ އެއްޗެއް މި ލިބެނީ ރައީސް ޔާމީންގެ ސަރުކާރުން،" ޝާޑު ވިދާޅުވި އެވެ.

ޝާޑު ވިދާޅުވީ، މިހާރު ލީގު ނިމިއްޖެ ކަމަށާއި އަންނަ އަހަރުގެ ފައިނަލަށް ތައްޔާރު ވެފައިވާ ކަމަށެވެ. "ދަންނަވަންތޯ އަޅުގަނޑުމެން ފައިނަލަށް އައީ ލީގު ކުޅެފަ. ހަތެއް ސުމެއް، ތޭރަ ސުމެއް، ފަހެއް ސުމެއް. ފައިނަލުން އަޅުގަނޑުމެން އެބޭފުޅުން (އިދިކޮޅު ފަރާތްތައް) ބަލިކުރާނީ އެކެއް ސުމަކުން. ފައިނަލް އޮންނާނީ 2018 ގަ،" މެމްބަރު ވިދާޅުވި އެވެ.

ދިވެހި ސަރުކާރަށާއި ރައީސް ޔާމީނަށް ބައިއަތު ހިފުމުން، ބައިއަތު އެ ހިފެނީ ތަރައްގީއާ ކަމަށްވެސް ޝާޑު ވިދާޅުވި އެވެ. މި ސަރުކާރާ ދެކޮޅަށް އައްޑޫ ސިޓީގައި މުޒާހަރާ ކުރާކަމަށް ދެކެވޭ ވާހަކައަކީ މިހާރު އެއްވެސް އަސްލެއް ނެތް ވާހަކައެއް ކަމަށާއި އެ ސިޓީގެ ރައްޔިތުން ތިބީ މި ސަރުކާރާއެކު ކަމަށް މެމްބަރު ވިދާޅުވި އެވެ.

ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ---

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ދިމާވާ ކާރިސާތަކާ ގުޅިގެން، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާ ކަމަށެވެ. އެގޮތުން 2010 ވަނަ އަހަރު އައްޑޫ ސިޓީގައި ފެންބޮޑުވުމުން ލިބުނު ގެއްލުންތަކާ ގުޅިގެން ރައްޔިތުންގެ ހާލު ބަލައި، އެހީތެރިކަން ފޯރުކޮށްދީފައި ނުވާ ކަމަށް ހަލީލް ވިދާޅުވި އެވެ.

މި ސަރުކާރު އައިފަހުން 2015 ވަނަ އަހަރު އައްޑޫ ސިޓީ އަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ރައްޔިތުންނަށް ލިބުނު ގެއްލުންތައް ރައީސް ޔާމީން ގާތުން ބައްލަވައި، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް މެންބަރު ހަލީލް ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި ހުރި މައްސަލަތަައް ހައްލުކޮށް އެ ސިޓީއަށް ތަރައްގީ ގެނައުމަށް ރައީސް ޔާމީން މަސައްކަތް ކުރައްވާ ކަމަށް ހަލީލް ވިދާޅުވި އެވެ.