ސަންޖޭ ލީލާ ބަންސާލީގެ ޕަދްމާވަތީ އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ސްކްރީނަށް އަންނަން ތައްޔާރުވަމުންދާ އިރު، އެ ފިލްމާ އެންމެ ބޮޑު ގުޅުމެއް އޮތް އެއް ސިޓީ އަކީ ފަރަންސޭސި ވިލާތުގެ ޕެރިހެވެ. 2008 ވަނަ އަހަރު ސަންޖޭ ލީލާ ބަންސާލީ ވަނީ ޕެރިހުގައި ސްޓޭޖް ޕްލޭއެއްގެ ގޮތުގައި ޕަދްމާވަތީގެ ސްޓޭޖް ޝޯވ އެއް ދައްކާލައިފައެވެ.

އެއާއެކު އެ ފިލްމާއި ޕެރިހާ އޮތް ހާއްސަ ގުޅުން އެބަ ހާމަވޭ ނޫން ހެއްޔެވެ؟ ޕަދްމާވަތީ އާއި ޕެރިހާ އޮތް ގުޅުމުގެ ހާއްސަކަމާ އެކު ސަންޖޭ ލީލާ ބަންސާލީ ވަނީ ޕެރިހުގައި ފިލްމުގެ ހާއްސަ ޕްރިމިއާ އެއް ބާއްވަން ނިންމައިފައެވެ. އެ ޕްރިމިއާ ވެގެންދާނީ އިންޑިއާއިން ބޭރުގައި އެންމެ ކުލަގަދަކޮށް ބޮލީވުޑްގެ ފިލްމެއް ރިލީޒް ކުރަން ބާއްވާ ހަފްލާއަށް ކަމަށް ހަބަރުތައް ބުނެއެވެ.

ޕަދްމާވަތީގެ ހާއްސަ ޕްރިިމިއާއެއް ޕެރިހުގައި ބާއްވަން ނިންމާފައިވާ އިރު، އޭގެ ކުރިން ނިންމާފައި ވަނީ ފްރާންސް ބަހުން ޑަބްކޮށްގެން ފިލްމު ޕެރިހުގައި އެޅުވުމަށެވެ. ނަމަވެސް މިހާރު ޕަދްމާވަތީ ޕެރިހުގައި އަޅުވަން ނިންމާފައި ވަނީ ފްރެންޗް ސަބްޓައިޓްލްސްއާ އެކުއެވެ.

ޕަދްމާވަތީ އަކީ ތާރީޚީ ލޯބީގެ ފިލްމެކެވެ. އެ ފިލްމުގައި ދީޕިކާ ޕަދްކޯން، ރަންވީރް ސިންހް އަދި ޝާހިދު ކަޕޫރު ފެނިގެންދާނެ އެވެ.