21 Oct 2017, 18:23
މި މަހުގެ 31 ވަނަ ދުވަހު ރިލީޒް ކުރުމަށް ތައްޔާރުވަމުންދާ، ފާތިމަތު ނަހުލާ (ނަހޫ)ގެ "ބޮސް"ގެ އޮފިޝަލް ޓްރެއިލާއަށް 42 ދުވަހުގެ ތެރޭގައި ދެ ލައްކައަށްވުރެ ގިނަ ވިއުސް ލިބިއްޖެއެވެ.
މިއީ، މިފަހަކަށް އައިސް ދިވެހި ފިލްމެއްގެ ޓްރެއިލާއަކަށް މިހާ ގިނަ އަދަދެއްގެ ވިއުސް ލިބުނު ދެވަނަ ފިލްމެވެ. އެގޮތުން ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޮސްގެ ފޭސްބުކް ޕޭޖަށް ދޫކޮށްލި އެ ފިލްމުގެ އޮފިޝަލް ޓްރެއިލާއަށް މިއަދާ ހަމައަށް 203،000 ވިއުސް ލިބިފައި ވެއެވެ.
މިހާތަނަށް ފޭސްބުކްގައި އެންމެ ގިނަ ވިއުސް ލިބިފައިވާ ދިވެހި ފިލްމެއްގެ ޓްރެއިލާއަކީ، ނަހުލާގެ ބިރުވެރި ފިލްމް "4426"ގެ ޓްރެއިލަރއެވެ. 15 ޖުލައި 2016ގައި ފޭސްބުކަށް ދޫކޮށްލި "4426"ގެ އޮފިޝަލް ޓްރެއިލަރއަށް ވަނީ 10 ވަރަކަށް ދުވަހުގެ ތެރޭގައި ލައްކައަކަށްވުރެ ގިނަ ވިއުސް ލިބިފައެވެ. އަދި މިހާތަނަށް އެ ޓްރެއިލަރއަށް 234،0000އަށް ވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ނަހޫ ޕްރޮޑިއުސްކޮށް، ކުޅަދާނަ ބަޠަލާ އައިޝަތު ރިޝްމީ ރަމީޒު ޑައިރެކްޓްކުރާ، "ބޮސް"ގެ އޮފިޝަލް ޓްރެއިލަރ ފޭސްބުކަށް އަޕްލޯޑްކުރިތާ ފުރަތަމަ 11 ދުވަސް ތެރޭ އެ ޓްރެއިލާއަށް ވަނީ 100،000 އަށްވުރެ ގިނަ ވިއުސް ލިބިފައެވެ.
ފޭސްބުކްގައި ދިވެހި ފިލްތަކުގައި ޓްރެއިލާތަކަށް ބަލާއިރު ދެން އެންމެ މަގުބޫލުކަމަށް ދައްކަނީ، ކުޅަދާނަ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ އަބްދުލް ފައްތާޙްގެ "ހައްދު"އެވެ. 22 ޖުލައިގައި ފޭސްބުކަށް އަޕްލޯޑްކުރި "ހައްދު"ގެ އޮފިޝަލް ޓްރެއިލަރއަށް 50،000އަށް ވުރެ ގިނަ ވިއުސް ލިބިފައިވާއިރު، 15 ޖުލައިގައި އަޕްލޯޑްކޮށްފައިވާ އެ ފިލްމުގެ "ފަސްޓްލުކް"އަށް 74،000 ވިއުސް ލިބިފައިވެއެވެ.
މަޝްހޫރު ޒުވާން ތަރި މަރިޔަމް އައްޒައާއި، ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ އުންމީދީ ބަޠަލް، މުހައްމަދު ޔުނާން ލީޑު ރޯލުން ފެނިގެންދާ މި ފިލްމު ބަލަންދާ އިރު ކަރުނަ ފޮހެން "ޓިޝޫ" ގެންދަން ޖެހޭނޭ ކަމުގެ ޔަގީންކަމާއެކު ކްރިސްޓަލް އެންޓަޓެއިންމަންޓުން ގެނެސްދޭ މި ފިލްމުގެ ހުރިހާ ތައްޔާރީތަކެއް މިހާރު ގާތްގަނޑަކަށް ނިމިފައިވާއިރު، ނަހޫ ބުނީ، މި ފިލްމަކީ، "ޒުލޭހާ"، "ޔޫސުފް" އަދި "ކަލާޔާ ނުލާ" ފަދަ ފިލްމުތަކަށްވުރެވެސް އަސަރު ގަދަ ފިލްމަކަށް ވާނޭ ކަމަށެވެ.
ޮބޮސްގެ ފުރަތަމަ ނުވަ ޝޯގެ ޓިކެޓް މިހާރު ވިކެމުން ދާއިރު، އޮކްޓޫބަރު 31 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ބާއްވާ "ރެޑްކާޕެޓް ޝޯ"އަށް ވަންނަ ކޮންމެ މީހަކަށްވެސް، ފިލްމުގެ ލަވަކިޔުންތެރީންނާއި އަދި ތަރީންގެ އަތުން ވަރަށް ޚާއްސަ ހަދިޔާއެއް ލިބިގެން ދާނޭކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.
"ބޮސް"ގެޕްރިމިއަރ ޝޯގެ ޓިކެޓެއް ވިއްކާނީ 200ރއަށެވެ. އަދިއިތުރު ޝޯތަކުގެ ޓިކެޓް ވިއްކާނީ 100 ރުފިޔާއަށެވެ.