ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކުން ނ. ކެނދިކުޅުދޫ އާއި ފ. ނިލަންދޫ އަދި ފ. ބިލެއްދޫ އިން ބޮޑެތި މޮޅުތަކެއް ހޯދައިފި އެވެ.

އެ މުބާރާތުގައި ރޭ ކުޅުނު ނ. އަތޮޅުގެ ހަމައެކަނި މެޗުގައި ބައްދަލުކޮށްފައި ވަނީ ލަންދޫ އާއި ކެނދިކުޅުދޫ އެވެ. އެ މެޗު 2-7 އިން ކާމިޔާބު ކޮށްފައި ވަނީ ކެނދިކުޅުދޫ އެވެ. ކެނދިކުޅުދޫ އިން ޖެހި ހަތް ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސަމާއިލް އެވެ. ބާކީ ހަތަރު ލަނޑު އެ ޓީމަށް ޖަހައި ދީފައި ވަނީ އަދުރޭ އާއި އިދުހާމް އާއި އަރީހުގެ އިތުރުން ހުމައިރު އެވެ. ލަންދޫގެ ލަނޑުތައް ޖަހައި ދީފައި ވަނީ ނައުޝާދު އާއި އަމްޖަދު އެވެ.

އެ މުބާރާތުގައި ރޭ ކުޅުނު ފ. އަތޮޅު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ މަގުދޫ އާއި ނިލަންދޫ އެވެ. އެ މެޗު 1-5 އިން ކާމިޔާބު ކޮށްފައި ވަނީ ނިލަންދޫ އެވެ. ނިލަންދޫ ޓީމުން ޖެހި ފަސް ލަނޑުގެ ތެރެއިން އަޒީޒު އާއި މުނީރު، ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ލަނޑު ޖަހާފައި ވަނީ ސައްދާމެވެ. މަގޫދޫގެ ހަމައެކަނި ލަނޑު ޖަހާފައި ވަނީ މުހައްމަދު މުއާޒެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ނިލަންދޫގެ އަޒީޒެވެ.

ފަ. އަތޮޅުގެ ދެ ވަނަ މެޗުގައި ބިލެއްދޫ އާއި ފިއަލީ ބައްދަލުކޮށް 1-4 އިން ކާމިޔާބު ކޮށްފައި ވަނީ ބިލެއްދޫ އެވެ. އެ މެޗުގައި ބިލެއްދޫގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި ވަނީ ނަދީފް އިބްރާހީމެވެ. އޭގެ އިތުރުން އެ ޓީމަށް ނިހާން ޝަރީފާއި މަމްދޫހް އަހުމަދު ވަނީ ލަނޑު ޖަހައިދީފަ އެވެ. ފިއަލީގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަހުމަދު ޒާހިރެވެ.

ރޭ ކުޅުނު ފުރަތަމަ މެޗު ހދ. ނެއްލައިދޫ އާއި އެ އަތޮޅު ފިނޭ ވާދަކޮށް 2-3 ގެ ނަތިޖާއަކުން މެޗު ކާމިޔާބު ކުރީ ނެއްލައިދޫ އެވެ. އެ މެޗުގައި ނެއްލައިދޫގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އަލީ ހަސަނާއި އަލީ ޝާހިންގެ އިތުރުން ޝަރަފުއްދީން އިބްރާހީމެވެ. ފިނޭގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އަހުމަދު އަޝްރަފާއި އަހުމަދު ޝާނީޒް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ނެއްލައިދޫ ޓީމުގެ ޝަރަފުއްދީން އިބްރާހީމެވެ.

ހދ. އަތޮޅުގެ ދެ ވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުމުންދޫ އާއި ހަނިމާދޫ އެވެ. އެ މެޗު 1-2 ގެ ހަނި ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ކުމުންދޫ އެވެ. އެ މެޗުގައި ކުމުންދޫގެ ދެ ލަނޑު ވެސް ޖަހައި ދީފައި ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ސިނާން އިބްރަހީމެވެ. އަދި ހަނިމާދޫގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަހުމަދު އަފްރާހެވެ.

ރޭ ކުޅުނު ހއ. އަތޮޅުގެ އެއް މެޗު ކުޅެފައިވާއިރު އެ މެޗުގައި ބައްދަލު ކޮށްފައި ވަނީ ވަށަވަފަރާއި ކެލާ އެވެ. އެ މެޗު 1-2 އިން ކާމިޔާބުކުރީ ވަށަފަރު ޓީމެވެ. އެ މެޗުގައި ވަށަފަރުގެ ދެ ލަނޑު ވެސް ކާމިޔާބު ކޮށްދީފައި ވަނީ އަބްދުﷲ ސިނާނެވެ. އަދި ކެލާގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަލީ އިމާދެވެ. މެޗު ކޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ވަށަފަރު ޓީމުގެ އިބްރާހިމް ޝަނޫނެވެ.

ށ. އަތޮޅުގެ ވެސް އެއް މެޗު ކުޅެފައިވާއިރު، އެ މެޗުގައި ބައްދަލު ކޮށްފައި ވަނީ މަރޮށި އާއި ބިލެއްފައްސެވެ. މި މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މަރޮށީގެ ހަމައެކަނި ލަނޑު ޖަހައި ދީފައި ވަނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޝައިބާން އެވެ. ބިލެއްފަހީގެ ލަނޑު ޖަހައިދިނީ އަބްދުﷲ ހަމީދެވެ.

ލ. އަތޮޅުގެ މެޗެއް ވެސް ރޭ ވަނީ ކުޅެފަ އެވެ. އެ މެޗުގައި ގަމާއި ދަނބިދޫ ބައްދަލުކޮށް 1-2 އިން ކާމިޔާބުކުރީ ގަމެވެ. މެޗުގައި ގަމުގެ ލަނޑުތައް ޖަހައި ދީފައި ވަނީ ހުސެއިން ޝަރީފާއި އަހުމަދު އަޖުވަދެވެ. އަދި ދަނބިދޫގެ ލަނޑު ޖަހައި ދީފައި ވަނީ މޫސާ ހާނިމެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ގަމު ޓީމުގެ އަހުމަދު އަޖުވަދެވެ.

މި އަހަރު އެ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ދޭ ފައިސާގެ އިނާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މި އަހަރު ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 65،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މިދިޔަ އަހަރު ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.