21 Oct 2017, 15:51
އިސްލާމްއާބާދު (އޮކްޓޯބަރު 21): މީގެ ދެ އަހަރު ކުރިން ގެއްލުނު ޕާކިސްތާނުގެ ނޫސްވެރިއެއް ކަމަށްވާ ޒީނަތު ޝާހްޒާދީ މިދިޔަ ބުދަ ދުވަހު ފެނިއްޖެ ކަމަށް އެގައުމުގެ މިސިން ޕާސަންސް ކޮމިޝަނުގެ ރައީސް ޖާވިދް އިގްބާލް ވިދާޅުވެއްޖެ އެވެ.
އިގްބާލްއާ ހަވާލާދީ ބީބީސީ އުރުދޫގައިވާ ގޮތުން 'ދުޝްމަން ގައުމުތަކުގެ ޖާސޫސީ އިދާރާތަކުން' ވަގަށް ނަގާފައިވާ ޒީނަތު ސަލާމަތްކުރީ ޕާކިސްތާނާއި އަފްގާނިސްތާނާ ގުޅޭ ބޯޑަރު ކައިރިންނެވެ. ނަމަވެސް އޭނާ ސަލާމަތް ކުރި ގޮތާ ބެހޭ ގޮތުން އިގްބާލް ތަފްސީލެއް ނުދެއްވަ އެވެ.
އަދި ޒީނަތުގެ ހާލަތާ ބެހޭ ގޮތުން އޭނާގެ އާއިލާއިން އަދި ވަކި އެއްޗެކޭ ބުނެފައި ނުވި ނަމަވެސް ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ކުރީގެ ޗެއާޕާސަން ވަނީ ޒީނަތުގެ މަންމައާ ވާހަކަ ދެއްކެވި ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ މިހާރު ހުރީ ގޭގައިކަން ޒީނަތުގެ މަންމަ ޔަގީންކޮށްދިން ކަމަށް އިބްނު އަބްދުއްރަހްމާން ވިދާޅުވި އެވެ.

މީގެ ދެ އަހަރު ކުރިން ގެއްލުނު ނޫސްވެރިޔާ ޒީނަތު ޝާހްޒާދީގެ ކޮއްކޮ، ސައްދާމް ހުސެއިން (ވ) ވަނީ އެކަމުގެ ހިތާމައިގައި އަމިއްލައަށް މަރުވެފައި -- ފޮޓޯ: ބީބީސީ
ފްރީލޭންސް ރިޕޯޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ޒީނަތު ގެއްލުނީ 19 އޮގަސްޓް 2015ގައި އޮފީހަށް ދިޔަ މަގުމަތީގަ އެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި ދެ ކާރެއްގައި ތިބި މީހުން ވަނީ ޒީނަތު އިން ރިކްޝޯ ހުއްޓުވުމަށް ފަހު، އޭނާ އޭގެއިން ކާރަކަށް އަރުވައިގެން ގެންގޮސްފަ އެވެ. އެމީހުން ތިބީ ހަތިޔާރު ހިފައިގެން ކަމަށް ވެސް މަންޒަރު ދުށް ފަރާތްތަކުން ބުންޏެވެ.
ޒީނަތް ގެއްލުނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ހަމީދް އަންސާރީ ޕާކިސްތާނުގައި ހުއްޓައި 2012 ވަނަ އަހަރު ގެއްލުނު މައްސަލަ ކޯޓަށް ހުށަހެޅި ފަހުންނެވެ. އަދި ޕާކިސްތާނުގެ 'ކޮމިޝަން އޮން އެންފޯސްޑް ޑިސެޕިއަރެންސް' އިން އަންސާރީގެ މައްސަލަ ބަލަން ފެށި ފަހުންނެވެ.
އެކޮމިޝަނުން އަންސާރީގެ މައްސަލަ ބަލަން ފެށުމުން ޕާކިސްތާނުގެ ސަލާމަތީ ފައުޖުތަކުން ވަނީ ހާމިދް ހައްޔަރުކޮށްފައިވާ ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އޭގެ ފަހުން އެ ގައުމުގެ އަސްކަރީ ކޯޓަކުން ވަނީ ހާމިދް ޖާސޫސު ކުރި ކަމަށް ބުނެ އޭނާ ތިން އަހަރަށް ޖަލަށް ލައިފަ އެވެ. އެހުކުމް ކުރީ ޒީނަތް ގެއްލުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް އެވެ.
ޒީނަތަށްވީ ގޮތެއް ނޭނގިގެން އޭނާގެ އާއިލާއިން އުޅެނިކޮށް، އެކަމުގެ ހިތާމައިގައި މިދިޔަ އަހަރު އޭނާގެ 17 އަހަރުގެ ކޮއްކޮ ސައްދާމް ހުސެއިން ވަނީ އަމިއްލައަށް މަރުވެފަ އެވެ. (ބީބީސީ)